ޚަބަރު
ދިއްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނެރު ފުންކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
ެއދ. ދިއްދޫ ބަނދަރު އަޕްގްރޭޑް ކުރުން. ފޮޓޯ: އެމްޓީސީސީ
އދ. ދިއްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ އަމަލީ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ މޫސުމީ ގަދަވަޔާއި ބޮޑުދިޔައިގައި އެ ރަށުގެ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ލަފާފުރުމުގައި ޒަމާނުއްސުރެ ދިމާވަމުން އައި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ދިއްދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 21.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އޮޑިދޯފަހަރަށް ރައްކާތެރިކަމާއެކު ފަޅަށް ވަދެނުކުމެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބަނދަރުގެ ޖާގަ ތަނަވަސްކުރުމެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރަށް ވަންނަ ނެރުގެ ސަރަޙައްދުން 30,070 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، ބަނދަރު ފަޅުތެރެއިން 3,090 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބޮޑުހިލައިގެ 51 މީޓަރުގެ ބޭރުތޮށްޓަކާއި، ބާނިތަކުގެ ބާރު ކަނޑުވާލުމަށް ބޭރު އަދި އެތެރޭގެ ސަރަޙައްދު ހިމެނޭހެން ވެލިބަސްތާ ޖަހައިގެން 257 މީޓަރުގެ ތޮއްޓެއް ޤާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން ގޮނޑުދޮށުން ވެލިގަނޑު ދަމައިގަތުން ހުއްޓުވުމަށާއި ނެރު ބެދުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް 38 މީޓަރުގެ ގްރޮއިންއެއް ޖެހުމާއި، ލަފާފުރާ އުޅަނދުފަހަރު ކައިރިކުރުމަށް 30 މީޓަރުގެ އެއްގަމުތޮށްޓެއް ލުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުފަތުރުކުރުމަށް ފަސޭހަވާނެހެން ބަނދަރު ބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.