ޚަބަރު
ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި ތަރައްޤީކުރުމަށް ތައްޔާރުވެއްޖެ
ބަނޑޭރި ކޮށި / ފޮޓޯ: ޕީއެސްއެމް
ޤައުމީ ޚިދުމަތުގައި ދިރިއުޅޭ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް، މާލޭގައި ހުންނަ ބަނޑޭރިކޮށި އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، ސިފައިންނަކީ ޙާލަތާއި ވަގުތާއި ތަނަށް ރިޢާޔަތްކޮށް އާއިލާއާ ދުރުގައި ރެޔާއި ދުވާލު ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވުމާއެކު، އެބޭފުޅުންނަށް ދޭ އިނާޔަތްތަކާއި ވެލްފެއަރގެ ޚިދުމަތްތައް ރަނގަޅުކޮށް ތަރައްޤީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއްކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ސިފައިންނާއި ފުލުހުންނަށް މިހާރުވެސް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ޚިދުމަތުގެ މުއްދަތުގައި ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބިދެވޭނެ ގޮތަށް ގިނަ އެޕާޓްމަންޓުތަކެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، އެތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވަނީ ބަނޑޭރިކޮށި 1 އެވެ. މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފްގެ ފަރާތުން މިހާރުވެސް ކުރިއަށް އެބަދެއެވެ.
މިގޮތުން، ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ އެޕާޓްމަންޓުތައް ހުސްކުރުމުގެ ކުރިން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތުގެ މަޢުލޫމާތު އެފަރާތްތަކަށް ހިއްސާކޮށް، މިތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ޙައްލުތައް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާއެކު، މިހާރު އެތަނުގައި ދިރިއުޅޭ ފަރާތްތައް އަލަށް ތަރައްޤީކުރާ އެޕާޓްމަންޓުތަކަށް ބަދަލުކުރާ ގޮތަށެވެ. މި މަޝްރޫޢު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގުފަހިވެގެންދާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.