Ads by Farudhun

ޚަބަރު

އޭއައި ބޭނުންކުރަންވާނީ އިންސާނުންގެ މެދުގައި އޮންނަ ތަފާތުކުރުންތައް ފެތުރުމަކަށް ނޫން: ވަޒީރު ހީނާ

އޭއައި ބޭނުންކުރަންވާނީ އިންސާނުންގެ މެދުގައި އޮންނަ ތަފާތުކުރުންތައް ފެތުރުމަކަށް ނޫން: ވަޒީރު ހީނާ

7 ވަނަ ވޯލްޑް ފޯރަމް އޮން އިންޓަރކަލްޗަރަލް ޑައިލޮގްގައި ވަޒީރު ހީނާ / ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2026، 08:18

27 އޮކްޓޯބަރު 2026، 08:18

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަންވާނީ އިންސާނީ ވިސްނުން ކުރިއެރުވުމަށް ކަމަށާއި، އިންސާނުންގެ މެދުގައި އޮންނަ ތަފާތުކުރުންތަކާއި ނުރަނގަޅު ތަޞައްވުރު ފެތުރުމަކަށް ނޫން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ހީނާ މިހެން ވިދާޅުވީ މިއަދު އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ފެށި '7 ވަނަ ވޯލްޑް ފޯރަމް އޮން އިންޓަރކަލްޗަރަލް ޑައިލޮގް' ގެ ތެރެއިން ބޭއްވި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި ބާކޫ ޕްރޮސެސްގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ.

"ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިޢާރުގެ ދަށުން އޮކްޓޫބަރު 27 އިން 29 އަށް ކުރިއަށްދިޔަ ފޯރަމްގައި ބަޔާން އިއްވަވަމުން، މިނިސްޓަރ ހީނާ ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވަސީލަތްތައް ބޭނުންކުރެވޭނީ، އިންސާނުންގެ މެދުގައި އޮންނަ އެއްބަސްވުމާއި އިޙްތިރާމް އިތުރުކުރުމަށް، އަދި ސަގާފީ ތަފާތުތަކަށް އެއްގޮތަށް އިޙްތިރާމްކުރުމަށް މަގުފަހިކުރާ ގޮތަކަށް ކަމަށް ގޮވާލައްވައިފައެވެ. އަދި އޭއައިގެ ބޭނުން ނަހަމަ ގޮތުގައި ކުރެވިގެން ނުރަނގަޅު ތަޞައްވުރުތައް ފެތުރިގެން ދިއުން ހުއްޓުވުމަށް، ބައިނަލްއަޤުވާމީ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް 2.0' ތަޞައްވުރާއި 2040 ވަނަ އަހަރަށް ދިވެހިރާއްޖެ ތަރައްޤީކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ ވިދާޅުވީ، އިޤުތިޞާދީ ކުރިއެރުމާ އެކު ފަންނިއްޔާތުގެ ކުރިއެރުންތަކަކީ ހޭލުންތެރި، ބައިވެރިވުން އޮންނަ، އަދި އިޙްތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭނެ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.

އަދި ފުރިހަމަނުވާ މަޢުލޫމާތާއި ތާރީޚީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އޭއައި ނިޒާމުތަކުގެ ސަބަބުން، މީސްތަކުންގެ މެދުގައި އޮންނަ ނުރަނގަޅު ވިސްނުންތަކާއި ތަޞައްވުރުތައް އިހުނަށްވުރެ ބޮޑަށް ފެތުރިގެން ދިއުމުގެ ފުރުޞަތު އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހަމައެކަނި ފަންނިއްޔަތުގެ ގުޅުންތައް އިތުރުވުމަކީ އޭގެ ޒާތުގައި އިޙްތިރާމް އުފެދޭނެ ކަމެއް ނޫން ކަމަށާއި، ފަންނިއްޔާތާއެކު ފުންކޮށް ވިސްނުމާއި، ޒިންމާދާރުކަމާއެކު ބޭނުންކުރުމާއި، މާނަހުރި ސަގާފީ މުޢާމަލާތްތައް ބޭނުންވާނެ ކަމަށް ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ޑިޖިޓަލް ނިޒާމުތަކުގައި އެކި މުޖުތަމަޢުތަކާއި ބަސްބަސް ހަމަހަމަކަމާއެކު ތަމްސީލުވާންޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ "ޑިޖިޓަލް މުސްތަޤުބަލުގައި ބަހަކަށް އޮންނަ މަޤާމަކީ ހަމައެކަނި އެ ބަސް ބޭނުންކުރާ އާބާދީ ކުޑަބޮޑުމިނުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭނެ ކަމެއް ނޫން" ކަމަށެވެ. އަދި ދިވެހި ބަސް ހިމެނޭހެން ފަންނިއްޔާތަށް އަންނަ ބަދަލުތަކުގައި ދިވެހީންގެ ޢިލްމާއި ބައިވެރިވުން އޮންނަންވާނެ ކަމަށް ވެސް އެކަމަނާ ހާމަކުރެއްވިއެވެ.



މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އާބާދީ ކުޑަވި ނަމަވެސް މުސްތަޤުބަލު ބައްޓަންކުރުމުގައި ދިވެހިރާއްޖެއަށް އޮތް ޙައްޤު ހަމަހަމަވާނެކަން ހާމަކުރައްވައި، ސަރުކާރުތަކާއި، ފަންނިއްޔާތު އުފައްދާ ފަރާތްތަކާއި، ތަޢުލީމީ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި އޭއައި އިން އުފައްދާ މަޢުލޫމާތު ވަޒަންކޮށް، އޭގެ އުނިކަންކަން ދެނެގަތުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ނިންމަވާލެއްވީ، ފަންނިއްޔާތުގެ މުސްތަޤުބަލު އޭ.އައި އިން ބައްޓަންކުރި ނަމަވެސް، މުޅި އިންސާނީ މުސްތަޤުބަލު ބައްޓަންކުރަންވާނީ ބުއްދިވެރިކަމާއި، ޒިންމާދާރުކަމާއި، އަދި އެކަކު އަނެކަކަށް ކުރާ އިޙްތިރާމުގެ މައްޗަށްކަން ހަނދާންކޮށްދެއްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450