ދުނިޔެ

މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ޑްރޯނެއް ވައްޓާލައިފި

މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ޑްރޯނެއް ވައްޓާލައިފި

ސައުދީގެ ސިފައިން ވައްޓާލި މިސައިލެއް އިންސްޕެކްޓްކުރަނީ. ފޮޓޯ: އެސްޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޮކްޓޯބަރު 2026، 04:25

30 އޮކްޓޯބަރު 2026، 04:25

ޔަމަނުގައި ހަރަކާތްތެރިވާ ސަޢޫދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން، ސަޢޫދީ ޢަރަބިއްޔާގެ މައްކާ ސަރަޙައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ޑްރޯނެއް ދިފާޢުކޮށް ވައްޓާލާފައިވާ ކަމަށް ހާމަކޮށްފިއެވެ. މި ހަމަލާ ދިފާޢުކޮށް ވައްޓާލާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލްމާލިކީ ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، ވައިގެ މަގުން އައި މި ޑްރޯން ވަނީ ދެނެގަނެ، ވައްޓާލައި ހަލާކުކޮށްލާފައެވެ. މީގެ އިތުރުން، ސަޢޫދީގެ ހުޅަނގު ސަރަޙައްދަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއްވެސް ދިފާޢީ ބާރުތަކުން ވައްޓާލާފައިވާ ކަމަށް ކޯލިޝަނުން ބުނެފައިވެއެވެ. ބުރާސްފަތި ދުވަހުވެސް ސަޢޫދީގެ އިރުމަތީ ސަރަޙައްދަށާއި ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކެއް ވަނީ ދިފާޢުކޮށްފައެވެ.

ނަމަވެސް، މުސްލިމުންގެ މާތްވެގެންވާ މައްކާ އަދި އެ ސަރަޙައްދަށް ހަމަލާދިން ކަމަށް ބުނާ ވާހަކަތައް ހޫޘީންގެ ތަރުޖަމާނު ވަނީ ދޮގުކޮށްފައެވެ. ހޫޘީން ހާމަކުރި ގޮތުގައި އެ ޖަމާޢަތުގެ ހަމަލާތައް އަބަދުވެސް އަމާޒުކުރަނީ ސަޢޫދީގެ ހަކަތައިގެ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އެކަންޏެވެ. އަދި މައްކާއާއި މަދީނާއަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ބުނެ ސަޢޫދީ ސަރުކާރުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް އެ ޖަމާޢަތުން ބުންޏެވެ.

މި ހަމަލާތަކާ ގުޅިގެން ޔަމަނުގެ އެތެރޭގައިވެސް ހަނގުރާމަ ވަނީ ވަރުގަދަވެފައެވެ. ހޫޘީންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މާރިބްގެ މަހްލިޔާ ޑިސްޓްރިކްޓަށާއި، ތާއިޒްގެ ހައިފާން އަދި އަލްޖައުފްގެ ހުވައިޝާން ސަރަޙައްދަށް ކޯލިޝަނުން ވަނީ ވައިގެ ހަމަލާތައް ދީފައެވެ.

ޚާއްޞަކޮށް ތާއިޒް ސިޓީގައި ހަނގުރާމަ ވަރުގަދަވެ، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮޑުބަޑީގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވަމުންދާ ކަމަށް އެ ސިޓީގެ ގަވަރުނަރާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ސިޓީގެ ވަށައިގެންވާ އަވަށްތައް ބަންދުވެ، ޞިއްޙީ ފަރުވާއާއި، ފެނާއި ތެޔޮ ނުލިބި ރައްޔިތުން ތިބީ ޙާލުގައި ކަމަށްވާއިރު، އިންސާނީ އެހީދޭ ޖަމާޢަތްތަކުން ދަނީ ޔަމަނުގެ ޢާންމު ރައްޔިތުންގެ ޙާލަތު އިންތިހާއަށް ގޯސްވަމުންދާ ކަމުގެ އިންޒާރު ދެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450