ޚަބަރު
ތިނަދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި
މައްސަލާގައި ހައްޔަރުކުރި މީހުން.ފޮޓޯ: ޕޮލިސް
ގދ. ތިނަދޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ހަތަރު ގެއެއް ބަލައިފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެންމެންގެ ބަންދަށް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހައިދީފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގެ ތެރެއިން 6.3 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ:
- ގދ. ތިނަދޫ / މިނިވަންއައްސޭރި، އަޙްމަދު ހާޝިމް (36އ)
- ގދ. ތިނަދޫ / ވެހަފުލާ، އަތޫފް އަޙްމަދު (25އ)
- ގދ. ތިނަދޫ / ވިލާޑީލައިޓް، ނާޖިދު ޢަބްދުﷲ (42އ)
- ގދ. ގައްދޫ / ފުސްފަރާގެ، މުޙައްމަދު ޝާއިފް ޖަލީލް (18އ)
މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ހަތަރު މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.