ވިޔަފާރި
ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި
ބީއެމްއެލްއިން "ސްވައިޕް" އިފްތިތާހުކުރި ހަފްލާގެ ތެރެއިން---
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ސްވައިޕް، ސްޕެންޑް، ވިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ކޭޝްލެސްކޮށް ފައިސާ ދެއްކުމަށް ކަސްޓަމަރުން އަހުލުވެރިކުރުވުމާއި، ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރުން އިތުރުކުރުމެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ބީއެމްއެލްގެ 'ސްވައިޕް' ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކައިގެންނެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެންބަރުން ފެށިގެން 1 ޑިސެންބަރުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މި ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓުތަކުން، ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ހިންގާ ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި، ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފުތާއަކުވެސް ނަސީބުވެރިން ހޮވުމަށް ގުރުއަތުލުން ބޭއްވޭނެއެވެ. އެގޮތުން ކޮންމެ ހަފުތާއަކު ހޮވޭ 5 ނަސީބުވެރިއަކަށް، ކޮންމެ މީހަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ މި ގުރުއަތުލުންތަކުގައި 20 ފަރާތަކަށް ހަފުތާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެއިތުރުން، ހަފުތާގެ އިނާމު ލިބޭ ނަސީބުވެރިންނަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި، މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު ކަމަށްވާ 25,000 ރުފިޔާގެ 'ގްރޭންޑް ޕްރައިޒް' ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްގެ ސްވައިޕް ވޮލެޓަކީ ފަސޭހަކަމާއެކު އަދި ރައްކާތެރިކަމާއެކު ފޯނުން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދޭ ޒަމާނީ ޚިދުމަތެކެވެ. އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ފައިދާހުރި ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށެވެ.