ދުނިޔެ
ޔަހޫދީން ޚަލީލަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން 500 އަށްވުރެ ގިނަ އާއިލާ މަގުމަތިވެއްޖެ
ފަލަސްތީނު. ފޮޓޯ: އަލް ޖަޒީރާ
ޚަލީލްގެ (ހެބްރޯން) ވަށައިގެން ޔަހޫދީ ފައުޖުތަކުން ދެމުންގެންދާ އަސްކަރީ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގު 500 އަށްވުރެ ގިނަ އާއިލާއެއްގެ ގެދޮރު ގެއްލި މަގުމަތިވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޔަހޫދީ ސިފައިން ވަނީ ގާތްގަނޑަކަށް 537 އާއިލާއެއް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރެ މަގުމަތިކޮށްފައެވެ.
ގެދޮރު ގެއްލިފައިވާ އާއިލާތަކުން އަނބުރާ ގެތަކަށް ދިއުމަށް ކުރި މަސައްކަތްތައް ބޭކާރުވެފައިވާއިރު، އެތައް ބަޔަކު އަދިވެސް ތިބީ އެމީހުންގެ އަވަށްތަކުގައި ތާށިވެފައެވެ. އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަމަށް އެންމެ ބޮޑަށް ބަރޯސާވާން ޖެހިފައިވަނީ ރެޑް ކްރޮސް އަށެވެ.
ހަމައެއާއެކު، ޔަހޫދީ ސިފައިން ދަނީ ޚަލީލްގެ އެކި ސަރަހައްދުތަކުގައި ހުރި ގެދޮރުތައް ތަޅައި ސުންނާފަތިކޮށް، އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.
މި ހަމަލާތަކުގެ ތެރޭގައި ޔަހޫދީ ސިފައިން ވަނީ ނޫސްވެރިން ހިމެނޭ ގޮތަށް އެތައް ބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ޚަލީލަށް އަމާޒުކޮށްގެން ހިންގަމުންދާ މި އަސްކަރީ އޮޕަރޭޝަން ނިމުމަކަށް އަންނާނެ ވަގުތެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ބެންޖަމިން ނަތަންޔާހޫއާ ގުޅިފައިވާ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ވަޒަންވެރިންގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރާއި އެހެނިހެން އިސް ވެރިންނަކީ ޚަލީލަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި އޮޕަރޭޝަން ނިމުމަކަށް ނުގެނެސް ދިގުދައްމަމުން ގެންދަނީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައެވެ.
މީގެ އިތުރުން، ޚަލީލް އެއްކޮށް ހިސޯރުކޮށް އަތްދަށުލުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން، ޔަހޫދީ ވަޒަންވެރިން ވަނީ ވޭތުވެދިޔަ ހަފްތާގައި އެ ރަށުގެ އޯލްޑް ސިޓީގައި ހުރި ފަލަސްތީނުގެ ފިހާރަތަކުގެ މަތީގައި މޮބައިލް ހޯމްތައް (ކުދި ގޭގެ) ބަހައްޓައި އެ ސަރަހައްދަށް ވެރިވެގަތުމުގެ އަމަލުތައް އިތުރަށް ވަރުގަދަކޮށްފައެވެ.