ދުނިޔެ

އިންތިޚާބު 'ވަގަށް ނެގި' ކަމަށް ނަތަންޔާހޫ ކުރާ ތުހުމަތާއެކުވެސް ނަތީޖާ ބަދަލުނުވާނެ ކަމަށް އޮފިޝަލުން ބުނެފި

އިންތިޚާބު 'ވަގަށް ނެގި' ކަމަށް ނަތަންޔާހޫ ކުރާ ތުހުމަތާއެކުވެސް ނަތީޖާ ބަދަލުނުވާނެ ކަމަށް އޮފިޝަލުން ބުނެފި

ނަތަންޔާހޫ ކެމްޕޭނުގެ ތެރޭގައި.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ނޮވެމްބަރު 2026، 01:57

02 ނޮވެމްބަރު 2026، 01:57

އިސްރާއީލުގެ އާންމު އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ސާބިތުވި ނަމަވެސް، އިލެކްޝަންގެ ރަސްމީ ނަތީޖާ ދެމިއޮންނާނެ ކަމަށް އެ ޤައުމުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ އިސްވެރިޔާ ނޯއަމް ސޯލްބާގް ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ އެތެރޭގެ ސަލާމަތީ އިދާރާ (ޝިން ބެތު) ގެ ވެރިޔާއާއި އެޓާނީ ޖެނެރަލާއެކު އާދީއްތަ ދުވަހު ނެރުއްވި ވީޑިއޯ މެސެޖެއްގައި ސޯލްބާގް ވިދާޅުވީ، އެފަދަ ތުހުމަތުތަކެއް ސާބިތުވި ނަމަވެސް، ވޯޓުލުމުގެ ނިޒާމުގެ އިތުބާރަށް އަދި އިންތިޚާބުގެ މުޅި ނަތީޖާއަށް އޭގެ ސަބަބުން ބަދަލެއް ނާންނާނެ ކަމަށެވެ. މިއާއެކު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީން ވަނީ ހެކި ދެއްކުމެއް ނެތި، އަރަބި ޕާޓީތަކުން ވޯޓު "ވަގަށް ނަގާފައިވާ" ކަމަށާއި، އެކަން ކޮށްފައިވަނީ ޤަޠަރުން ފަންޑު ހޯދައިގެން ކަމަށް ބުނެ ނަތީޖާއާމެދު ސުވާލު އުފައްދާފައެވެ. ނަމަވެސް ޤަޠަރުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުގެ ކެމްޕޭނެއް ކަމަށް ބުނެފައެވެ.

އިންތިޚާބު އޮތް އަންގާރަ ދުވަހުގެ ކުރިން، ވޯޓު ގަތުމަށް ލާރި ބަހަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން އެކްޓިވިސްޓުންގެ ތެރެއިން ދެ މީހަކު ފުލުހުން ވަނީ އާދީއްތަ ދުވަހު ދޫކޮށްލާފައެވެ. އޭގެ ތެރެއިން އެކަކު ދޫކޮށްލީ ޝަރުތުތަކަކާ އެކު ކަމަށްވާއިރު، އަނެކަކު ވަނީ ގޭބަންދުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުންނަކީ އިންތިޚާބުގައި 8 ގޮނޑި ކާމިޔާބުކުރި އަރަބި ރަޢާމް ޕާޓީއާ ގުޅުން އޮންނަ ބައެކެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރު މަންސޫރު އައްބާސް ވަނީ މި ހައްޔަރުކުރުންތަކަކީ ޑިމޮކްރެސީއާ ޚިލާފު އަދި އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިދިކޮޅުގެ ތުހުމަތާއި ސިޔާސީ ހާލަތު
އިދިކޮޅު މައި ލީޑަރު ގާދީ އައިޒެންކޮޓް ވަނީ، އިންތިޚާބުގެ ނަތީޖާގެ ޞައްޙަކަން ނަގާލުމަށްޓަކައި ނަތަންޔާހޫ ރޭވުންތެރި ކެމްޕޭނެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ނަތަންޔާހޫގެ ބްލޮކަށް 53 ގޮނޑި ލިބިފައިވާއިރު، އައިޒެންކޮޓްގެ އިދިކޮޅު ބްލޮކަށް ލިބުނީ 48 ގޮނޑިއެވެ. މިއާއެކު 120 ގޮނޑި ހިމެނޭ ޕާލިމަންޓުގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް އެކަނި ލިބިފައެއް ނުވެއެވެ.

އިސްރާއީލުގެ އަރަބި ތިން ޕާޓީން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދައި ޖުމްލަ 19 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ ކުރިން އަރަބި ޕާޓީތަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް އައިޒެންކޮޓް ވިދާޅުވެފައިވީ ނަމަވެސް، އަރަބި ޕާޓީތަކާއެކު އެއްބަސްވުމަކަށް އަތުވެއްޖެނަމަ 67 ގޮނޑީގެ އަޣުލަބިއްޔަތަކާއެކު ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު އޮންނާނެއެވެ. އެހެންނަމަވެސް، އަރަބި ޕާޓީތަކާ ބައިއަތު ހިފުމަކީ އިސްރާއީލުގެ ގިނަ ބަޔަކު ސިޔާސީ ގޮތުން ބަލައިގަންނަން އުނދަގޫ ކަމެކެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ މި ހަފުތާގެ ތެރޭގައި އިޢުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ފަހުން އައު ސަރުކާރެއް އެކުލަވާލުމަށްޓަކައި ބޮޑުވަޒީރުކަމުގެ ކެންޑިޑޭޓަކު ނަންގަވާނީ ރައީސް އިސާކް ހަރޒޮގްއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450