Ads by Farudhun

ޚަބަރު

ދައުލަތަށް ނުލިބި ހުރި ފައިސާ ޓެކުހުން އުނިކޮށްދޭނެ އިންތިޒާމު ހަމަޖައްސައިފި

ދައުލަތަށް ނުލިބި ހުރި ފައިސާ ޓެކުހުން އުނިކޮށްދޭނެ އިންތިޒާމު ހަމަޖައްސައިފި

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ނޮވެމްބަރު 2026، 11:08

02 ނޮވެމްބަރު 2026، 11:08

ދައުލަތުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދީގެން ވިޔަފާރިތަކަށް ނުލިބި ހުރި ފައިސާ، އެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހުން އުނިކޮށް އަޅައިކެނޑޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

މާލީ އަދި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ އިދާރާއަކުން އެއްވެސް ވިޔަފާރިއަކަށް ލިބެންޖެހޭ ފައިސާއެއް ނުލިބި ވާނަމަ، އެ ވިޔަފާރިއަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެ ފައިސާ އަޅައިކެނޑުމަށް މީރާއަށް ހުށަހެޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

މި ނިޒާމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުލިބި ހުރި ބިލްތަކަށް މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތްތަކަށް ދައްކަންޖެހޭ އަދަދަށްވުރެ އިތުރުވާނަމަ، ސަރުކާރުން ދޭންޖެހޭ ފައިސާ ޓެކުހުން އުނިކުރުމަށްފަހު ބާކީ އޮތް އަދަދު އެ ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭނެއެވެ. އަދި ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު ޓެކުހަށްވުރެ ބޮޑުވާ ހާލަތްތަކުގައި، ޓެކުހުގެ އިލްތިޒާމު އުނިކުރުމަށްފަހު ބާކީވާ އަދަދު ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ދައުލަތުން ވިޔަފާރިތަކަށް ދައްކަންޖެހިފައި ހުރި ފައިސާ އެ ވިޔަފާރިއެއްގެ ޓެކުސް އިލްތިޒާމުން އުނިކުރުމަށް މީރާއަށް ހުށަހަޅާއިރު، އެ ފައިސާއާ ގުޅުންހުރި އެންމެހައި ތަފުސީލުތައް މީރާއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ނިޒާމެއް ސަރުކާރުން މި ގާއިމުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި ފަންތީގެ ރައްޔިތުންނާ ސިލްސިލާ ގޮތެއްގައި ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުންތަކުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުވުމުގައި، ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާތީ ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ގިނަ ވިޔަފާރިވެރިން ވަނީ ދައުލަތުން ލިބެންހުރި ފައިސާ ޓެކުހާ އަޅައިކަނޑައިދިނުމަށް ރައީސްގެ އަރިހުން އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450