ޚަބަރު
ހޯމްސްކޫލިން ހަރުދަނާކުރަނީ ހަރުކަށި ފިކުރަށް ފުރުސަތު ދޭކަށް ނޫން: އެމްޕީ ހުސްނީ
އެމްޕީ ޙުސްނީ މުބާރިކް. ފޮޓޯ: މަޖިލިސް އިދާރާ
ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ އެއްވެސް ހާލަތެއްގައި ހަރުކަށި ފިކުރު ދިރުވަން ނުވަތަ އަންހެން ދަރިން ތައުލީމުން އެކަހެރިކޮށް ގޭގައި ބޭތިއްބުމުގެ މަގުސަދުގައި ހުށަހެޅި އިސްލާހުތަކެއް ނޫން ކަމަށް، މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސްނީ މުބާރަކު މިއަދު ވިދާޅުވެއްޖެއެވެ.
ސްކޫލަށް ހާޒިރުވެ ދަރިވަރުން ތައުލީމު ހާސިލުކުރަން ނުކުޅެދިއްޖެ ހާލަތެއްގައި ގޭގައި ބައިތިއްބައިގެން އުނގެނުން ފަހިކޮށްދިނުމަށްޓަކައި، ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޙުސްނީ ވަނީ، އެ ބިލާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުންނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ. ނަޝީދު މިދިޔަ ބުދަ ދުވަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދައި ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، މި ބިލަކީ "ޖާރިޔާ ބިލެއް" ގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވެސް ވަނީ، މިއީ ހަރުކަށި ފިކުރުގެ މީހުން އެ މީހުންގެ ދަރިން ގޭގައި ބައިތިއްބައިގެން އެ ފިކުރު ދިރުވަން ދެވޭ ފުރުސަތެއްތޯ ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތަކަށް އިޝާރާތްކުރައްވައި ޙުސްނީ ވިދާޅުވީ، ހޯމްސްކޫލިންއަކީ ވަކި ޖިންސެއްގެ ކުދިން ތައުލީމުން މަހުރޫމުކުރަން ކުރާ ކަމެއް ނޫން ކަމަށެވެ.
"ހަމަ އެގޮތަށް ގަބޫލުކުރަންވީނޫންތޯ އެ ފުރުސަތު ފަހިކޮށްދިނުމަކީ ލާދީނިއްޔަތަށް ކުދިން ތަރުބިއްޔަތުކުރުމަށް ލިބިދޭ ފުރުސަތެއްގެ ގޮތުގައި ވެސް، ކީއްވެގެންތޯ ކޮންމެހެން އިސްލާމީ ހާލަތުގައި އަޅުވައިފައި އިސްލާމްދީނުގައި ވަކި ގޮތަކަށް ވަކި ހަރުކަށި ފިކުރެއް ފަހިކުރުމަށް އެ ފިކުރަށް ފުރުސަތު ފަހިކޮށްދޭން ގެންނަ ބަދަލެއްގެ ގޮތުގައި ތަސައްވުރުކޮށްދޭން އުޅެނީ؟"
ޙުސްނީ ސުވާލު އުފެއްދެވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ބިލާ ގުޅުވައިގެން އެފަދަ ތުހުމަތުތަކެއް ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
"އެހެންވީމާ އެއްވެސް ހާލެއްގައި މިއީކީ ހަރުކަށި ފިކުރަށް ފުރުސަތު ދިނުމަކަށް ނުވަތަ ޖާރިޔާއިން އުފެއްދުމޭ، އެ ޓާމް އެގޮތަށް ބޭނުންކުރެވޭނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއްނުކުރަން މި ބިލާ ގުޅުވައި،"
ޙުސްނީ ވިދާޅުވިއެވެ.
ހޯމްސްކޫލިންގެ އުސޫލުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރެވިގެންދާނެކަން ފާހަގަކުރައްވައި ޙުސްނީ ވިދާޅުވީ، ޖިސްމާނީ ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވެގެން ނުވަތަ އެނޫންވެސް ހާއްސަ ހާލަތެއްގެ ސަބަބުން މަދުރަސީ ތައުލީމުން އެކަހެރިވެފައިވާ ކުދިންނަށް ފުރުސަތު ދިނުމުގައި ބަލާ "ހާއްސަ ހާލަތު" ކަނޑައަޅާނީ ސީދާ އެޑިއުކޭޝަން މިނިސްޓަރުގެ ވަޒަންކުރެއްވުމަށްފަހު ކަމަށެވެ. އަދި އާންމު ތައުލީމީ ނިޒާމުގެ އިސްތިސްނާތަކުގައި ވަޒީރުގެ ވަޒަންކުރެއްވުމަށް ދޫކޮށްލުމަކީ ކުރީގެ އެމްޑީޕީ ސަރުކާރުގައި ވެސް އަމަލުކޮށްފައިވާ އުސޫލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހޯމްސްކޫލިން ހުއްދަކުރުމަކީ ރަސްމީ ތައުލީމީ ނިޒާމުން ކުދިން ބޭރުކޮށްލުން ނޫން ކަމަށް ވިދާޅުވެ ޙުސްނީ ވިދާޅުވީ ހޯމް ސްކޫލިންގެ މާނައަކީ އެއްވެސް ހާލެއްގައި ކުއްޖަކު ރަސްމީ ސްކޫލެއްގައި ރަޖިސްޓްރީނުކުރެވި އެއްވެސް ހާލެއްގައި ކުއްޖާ ނިޒާމުގެ ތެރެއިން ބެލެހެއްޓެނެވި ނޫން ގޮތަކަށް ދޫކޮށްލާ ދޫކޮށްލުމެއް ނޫންކަމަށާއި ގާނޫނުގައި ވަރަށް ސާފުކޮށް އެކަން ބަޔާންކުރާ ކަމަށެވެ.
ޙުސްނީ ވިދާޅުވީ ހޯމްސްކޫލިންގެ ނިޒާމު ތައާރަފުކުރުމުގެ އަސްލު ބޭނުމަކީ، އެކި ސަބަބުތަކާ ހުރެ ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުކުރުމުން މަހުރޫމުވެފައި ތިބި ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.