ވިޔަފާރި
އަލަށް ވިޔަފާރި ފެށުމަށް 3000 އަށް ވުރެ ގިނަ ޒުވާނުންނަށް އެހީ؛ ދެވަނަ ފިޔަވަހި ހުޅުވާލައިފި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026، ފޮޓޯ: ފަރުދުން
ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގެ އިޤްތިޞާދުގައި ޒުވާން ވިޔަފާރިވެރިންގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން ތަޢާރަފުކުރި "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ގެ ފުރަތަމަ ފިޔަވަހީގައި 3,000 އަށް ވުރެ ގިނަ ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، މި ސްކީމްގެ ދެވަނަ ފިޔަވަހި ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކާމިޔާބުކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ފެސިލިޓީގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3,000 އަށްވުރެ ގިނަ ޒުވާނުން އަލަށް ވިޔަފާރި ފެށުމަށާއި، މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި 1 ނޮވެންބަރު 2026 އިން ފެށިގެން މި ސްކީމްގެ ދެވަނަ ފިޔަވަހި ފައިނޭންސިންގއަށް ހުޅުވާލުމަކީ ދިވެހި ޒުވާނުންގެ ކުރިއެރުމަށާއި، ޤައުމީ އިޤުތިޞާދުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް މި ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ހާމަވާ އަލިގަދަ ހެއްކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްޞަކޮށްފައިވާ މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޒުވާނުންނަށް ވިޔަފާރި ފަށައިގަތުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ފައިސާ އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ ފަސް އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާނެއެވެ.
މި ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވާއިރު، ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށެވެ. ނަމަވެސް، ފައިނޭންސަށް އެދި ހުށަހެޅޭނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލްގައި ހިމަނާފައިވާ މާލީ ހޭލުންތެރިކަމުގެ ޚާއްޞަ އޮންލައިން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހުގައި ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއެވެ.