ދުނިޔެ
މުސާރައިގެ މައްސަލައިގައި ބަންގްލަދޭޝްގައި ވަރުގަދަ މުޒާހަރާތަކެއް
ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން. ފޮޓޯ: ޑަބްލިޔުޕީ
އުޖޫރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އިންޑަސްޓްރިއަލް ސަރަހައްދުތަކުގައި ފޭރާން އުފައްދާ ކާރުޚާނާތަކުގެ މަސައްކަތްތެރިން ފަށާފައިވާ މުޒާހަރާތައް ތިންވަނަ ދުވަހަށް ދެމިގެންގޮސް، ސަތޭކައަށްވުރެ ގިނަ ފެކްޓަރީތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.
ހޮނިހިރު ދުވަހު މުޒާހަރާތައް ފެށުނު ފަހުން ގާތްގަނޑަކަށް 500 އެއްހާ ފެކްޓަރީ ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އެތައް ހާސް މަސައްކަތްތެރިންނެއް ވަނީ މަގުތަކަށް ނުކުމެފައެވެ.
ވެރިރަށް ޑާކާގެ މިރުޕޫރު އިންޑަސްޓްރިއަލް ސަރަހައްދުގައި ފުލުހުންގެ ސަފުތައް ވަރުގަދަކޮށްފައިވާއިރު، ސަވަރު، އަޝޫލިއާ އަދި ޤާޒީޕޫރުގެ ސަރަހައްދުތަކުގައިވެސް މުޒާހަރާތައް ދަނީ ހިނގަމުންނެވެ. މަގުތަކަށް އެއްވި މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭހާއި އަޑުގަދަ ގޮވާތަކެތި (ސައުންޑް ގްރެނޭޑް) ބޭނުންކޮށްފައެވެ. މަސައްކަތްތެރިން އެދެމުންދަނީ މިހާރު މަހަކު ލިބޭ އެންމެ ކުޑަ އުޖޫރަ ކަމަށްވާ 12,500 ޓަކާ (101 ޑޮލަރު) ގެ ދެގުނައަށްވުރެ ބޮޑުކޮށް، މަހަކު މަދުވެގެން 30,000 ޓަކާ (242 ޑޮލަރު) އަށް މުސާރަ ބޮޑުކޮށްދިނުމަށެވެ.
މުޒާހަރާތައް ހަމަޖެއްސުމުގެ ގޮތުން ބަންގްލަދޭޝްގެ ސަރުކާރުން އާދީއްތަ ދުވަހު ވަނީ ފޭރާން އުފައްދާ ދާއިރާގެ އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރުމަށް ޚާއްސަ ވޭޖް ބޯޑެއް އެކުލަވާލާފައެވެ. މީގެއިތުރުން ބޮޑުވަޒީރު ތޯރިޤް ރަޙްމާން ވަނީ ވަޒީރުންނާއި މުޝީރުންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. ބަންގްލަދޭޝްގެ އިޤްތިޞާދުގައި 38 ބިލިއަން ޑޮލަރުގެ އަގުހުރި މި ސިނާއަތަކީ އެ ޤައުމަށް އެކްސްޕޯޓް އާމްދަނީ ލިބޭ އަދި ވަޒީފާގެ ފުރުސަތުތައް އެންމެ ބޮޑަށް ފަހިކޮށްދޭ މައިގަނޑު ދާއިރާއެވެ.
މި މުޒާހަރާތައް ފެށިފައިމިވަނީ ވިއެޓްނާމާއި ކެމްބޯޑިއާ އަދި އިންޑިއާއާ ވާދަކުރަމުންދާ ބަންގްލަދޭޝްގެ ފޭރާމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ފެކްޓަރީތަކުގެ ވެރިން ފާހަގަކުރާ ގޮތުގައި، ޚަރަދުތައް ބޮޑުވުމާއި، އެމެރިކާ-އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައިސްފައިވާ ލޮޅުންތަކާއި، ބައެއް ޤައުމުތަކަށް މުދާ ބޭރުކުރެވޭ މިންވަރު ދަށްވުމަކީ ސިނާއަތަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެކެވެ.
ނަމަވެސް ބަންގްލަދޭޝް ގާމެންޓް އެންޑް އިންޑަސްޓްރިއަލް ވޯކާސް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި ވޭޖް ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރައްވާ ބާބުލް އަޚްތަރު ވިދާޅުވީ، ދުނިޔޭގައި ފޭރާމުގެ ދާއިރާއިން އެންމެ ކުޑަ އުޖޫރައެއް ދެނީ ބަންގްލަދޭޝްގައި ކަމަށެވެ. ފެކްޓަރީތަކުގެ ވެރިންނަށް މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ނުދެވޭނަމަ، ބައިނަލްއަޤްވާމީ ގަންނަ ފަރާތްތަކާއެކު އަގުތައް މަތިކުރުމަށް މަޝްވަރާކުރަންޖެހޭނެ ކަމަށާއި، މަސައްކަތްތެރިންނަށް ކުޑަ އުޖޫރަދީގެން ވިޔަފާރި ފުޅާނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ރައީސް މަޙްމޫދު ޙަސަން ޚާން ވިދާޅުވީ، ސަރުކާރުން މިހާރުވެސް ވޭޖް ބޯޑު އެކުލަވާލައި މުހިންމު ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ. އެހެންކަމުން މަސައްކަތްތެރިންގެ ފަރާތުން އެދެނީ އެ މަރުހަލާ ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުމަށް ކަމަށާއި، ހޯމަ ދުވަހުވެސް މުޒާހަރާތައް ކުރިއަށްދާނަމަ، "މަސައްކަތް ނުކުރާނަމަ އުޖޫރަ ނުދިނުމުގެ" އުސޫލު އިޚްތިޔާރުކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.