Ads by Farudhun

ޚަބަރު

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ސިފައިންގެ ޖިހާދަކީ ފިލާވަޅެއް: ރައީސް

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ސިފައިންގެ ޖިހާދަކީ ފިލާވަޅެއް: ރައީސް

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި 2024 ވަނަ އަހަރު ސިފައިން ބޭއްވި ފޮޓޯ މައުރަޒުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

03 ނޮވެމްބަރު 2026، 06:32

03 ނޮވެމްބަރު 2026، 06:32

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ވަރުގަދަ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ  މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ޅެން ބައިތަކުން މިސާލު ޖައްސަވަމުން ވިދާޅުވީ:

"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ
ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ
ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ
ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ"

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ލޮބުވެތި ޤައުމުގެ ދިފާއުގައި ފުރާނައިން ފިދާވެ، ޝަހީދުވެގެންދިޔަ މަތިވެރި އަބްޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދިވަޑައިގެން ރައީސް ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.

މީގެއިތުރުން، ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނަށާއި، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރިސްކުރައްވާފައެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދު ޚާއިނުންތަކަކާއި ގުޅިގެން ސްރީލަންކާގެ ޕްލޮޓް ޖަމާޢަތުގެ ޓެރަރިސްޓުން މާލެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ސަލާމަތްވެ، ލިބުނު ފަޚުރުވެރި ނަޞްރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ޤައުމީ ދުވަހެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450