Ads by Farudhun

ޚަބަރު

ދިދަ ޖެހުމާއި ގަރޑް މައުންޓު ކުރުމުގެ ހަރަކާތް ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި

ދިދަ ޖެހުމާއި ގަރޑް މައުންޓު ކުރުމުގެ ހަރަކާތް ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި

ނޮވެމްބަރު 3ގެ ރަމްޒީ ބިނާގައި ދިދަ ޖެހުން - 2024 / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ނޮވެމްބަރު 2026، 06:51

03 ނޮވެމްބަރު 2026، 06:51

މި އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ބޭއްވި ދިދަ ޖެހުމާއި ގަރޑް މައުންޓް ކުރުމުގެ ޚާއްޞަ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މާލޭގައި ހުންނަ 3 ނޮވެމްބަރުގެ ހަނދާނީ ބިނާ ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ހަނދާނީ ބިނާގައި މައުންޓުކުރި 8 ދިދައިން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާގައި ޤައުމުގެ ދިފާޢުގައި ތެދުވެ ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ. އެ ދުވަހު ދިން މި ޙަމަލާގައި ޖުމްލަ 19 ދިވެހިން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.

3 ނޮވެމްބަރުގެ ހަނދާނީ ބިނާއަކީ އެދުވަހު ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ވެފައިވާ އަގުނުކުރެވޭ މަތިވެރި ގުރުބާނީގެ ޒިކުރާ އައުކުރުމަށްޓަކައި ބިނާކޮށްފައިވާ ތާރީޚީ ބިނާއެކެވެ. މި ބިނާ ފަރުމާކޮށްފައިވަނީ ސިފައިންގެ މައިމަރުކަޒަށް ޓެރަރިސްޓުން ވަނުމަށްޓަކައި ފާރު ގޮއްވާލައި ފޫއަޅުވާލި ބާގަނޑު ނަކަލުކޮށްދޭ ގޮތަށެވެ. އެ ބާގަނޑުގެ ތެރެއިން ފެންނަން ހުރި އައްޑަނައިން ރަމްޒުކޮށްދެނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ ދިފާޢުގައި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދެވެ.

އަދި އައްޑަނައިގެ ވަށައިގެން ލިޔެފައިވަނީ މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނަށް ހުރި މަތިވެރި ދަރުމަ އާއި ޘަވާބު ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ އާޔަތާއި އޭގެ ދިވެހި ތަރުޖަމާއެވެ. މި ލިޔުމުން ރަމްޒުކޮށްދެނީ ދިވެހި ސިފައިންނަކީ އިސްލާމީ މަތިވެރި ޢަޤީދާއިން ހިތްވަރު ލިބިގަނެ، ދީނާއި ޤައުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް އަބަދުވެސް ތައްޔާރަށް ތިބި ބައެއް ކަމެވެ. މީގެއިތުރުން، ބިނާގެ ދެފަރާތުގައި ފަރުމާކޮށްފައިވާ 8 މާބޮނޑިން ރަމްޒުކޮށްދެނީ 3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންގެ މަތިވެރި ޒިކުރާއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، 3 ނޮވެމްބަރުގެ ޢުދުވާނުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އައުކުރުމުގެ ގޮތުން 1 މިނެޓުގެ ސުކޫތެއް ގެނެސްފައިވެއެވެ. އަދި އެބޭކަލުންގެ ޝަރަފުގައި 7 ބަޑީގެ ސަލާމެއްވެސް ވަނީ އަރުވާފައެވެ. މި ރަސްމިއްޔާތު ނިންމާލާފައިވަނީ ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުމަށްފަހު، ސިފައިންގެ ރަސްމީ ލަވައިންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450