Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

farudhun logo

ފަރުދުން

03 ނޮވެމްބަރު 2026، 07:15

03 ނޮވެމްބަރު 2026، 07:15

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމް.ޓީ.އެޗް.ޖީ) އުފައްދަވައިފިއެވެ.

މި ނިންމެވުމަކީ ރާއްޖޭގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ. މާލެ އާއި އަތޮޅުތައް ހިމެނޭހެން ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅައިލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ބަދަލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޞިއްޙީ ދާއިރާގައި ކުރާ އިސްރާފު ކުޑަކޮށް، އެންމެ އެކަށީގެންވާ، ދެމެހެއްޓެނިވި ޚިދުމަތުގެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

މި ބަދަލާ ގުޅިގެން، މީގެކުރިން ހޮސްޕިޓަލުތައް ހިންގަމުން އައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ އުވައިލައްވާފައެވެ.

އަލަށް އުފެއްދެވި މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިގެން މަސައްކަތްކުރާނެ ބޯޑެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން، މި ބޯޑާއި ބޯޑުން ބަލަހައްޓަވާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.

އެމް.ޓީ.އެޗް.ޖީގެ ބޯޑުގެ ބެލުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި:

  • ދަރުމަވަންތަ ހޮސްޕިޓަލް
  • އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)
  • ހުޅުމާލެ ހޮސްޕިޓަލް
  • ވިލިމާލެ ހޮސްޕިޓަލް
  • މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި އެ ތަނުގެ ދަށުން ހިނގާ ތެލަސީމިއާ އެންޑް އަދަރ
  • ހީމޮގްލޮބިނޯޕަތީސް ސެންޓަރ
  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ގަން ރީޖަނަލް ހޮސްޕިޓަލް
  • ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
  • ފުވައްމުލަކު ހޮސްޕިޓަލް
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް


މި ގްރޫޕް ހިންގުމަށް އެކުލަވައިލެއްވި 18 މެންބަރުންގެ މައްޗަށް އެކުލެވޭ ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ ޞިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޑރ. ޢަބްދުލްޢަޒީޒު ޔޫސުފެވެ. ވައިސް ޗެއަރޕަރސަނަކަށް އައްޔަންކުރެއްވީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޙުސައިން ޙަލީމެވެ.

ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
3. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް (ދަރުމަވަންތަ ހޮސްޕިޓަލްގެ ސީ.އީ.އޯ)
4. ޑރ. އިބްރާހީމް ޔާސިރު އަޙްމަދު (ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
5. ނަޔާޒު އަޙްމަދު (ޕްރައިމަރީ ހެލްތްކެއަރގެ ތަޖުރިބާކާރު)
6. ޑރ. މަރްޔަމް ޖެނިފާ (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރު)
7. ފާޠިމަތު ޢާފިޔާ ވަޙީދު (ނަރސިންގ ދާއިރާގެ ތަޖުރިބާކާރު)
8. މޫސާ ކަލީމް ޤާސިމް (ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފު)
9. މުޙައްމަދު މަބްރޫކް (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
10. ޢާލިމް ޝަކީލް (ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފު)
11. އަލްއުސްތާޛާ ތަސްލީމާ (ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ފަރާތުން)
12. އާދަމް ބަދުރުﷲ (މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ފަރާތުން)
13. ނާޡިމާ ޢަލީ (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
14. ޑރ. އަޙްމަދު ޢަދީލް ނަޞީރު (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
15. ޙުސައިން ޢާޞިފް (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ)
16. އަޙްމަދު އަޝްރަފް (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
17. ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
18. ފަތުޙުﷲ ނަސީމް (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ)

މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރެވި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450