ޚަބަރު
އުތީމަކީ ދިވެހި އުންމަތަށް، ޒަޢާމަތެއް ނެރުއްވި މަދަރުސާއެއް: ވަޒީރު ޝަހީމް
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ
އުތީމަކީ ދިވެހި އުންމަތަށް، ޒަޢާމަތެއް ނެރުއްވި މަދަރުސާއެއް ކަމަށް އިސްލާމީ ކަންތައްކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގަ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ޑރ ޝަހީމް ވިދާޅުވީ މުޙައްމަދު ތަކުރުފާނަކީ ހިތްވަރާއި އަޒުމުގެ މަދަރުސާއެއް ކަމަށެވެ. އަދި ޤައުމު ދެކެ ލޯބިވުމާއި ދީނަށް ވަފާތެރިވެ އަޤީދާއަށް އަމާނާތްތެރިވުމުގެ މަތިވެރި ނަމޫނާއެއް ދެއްކެވި ޝަޚުސިއްޔަތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ޤައުމުން ބީވެގެންދާ އިސްލާމީ ސަޤާފަތާއި ރިވެތި އާދަކާދައާއި އަޚްލާގު ދިރުވުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ މިއަދު ޤައުމު އިންތިހާއަށް ބޭނުންވާ ތަސައްވުރެއް ކަމަށެވެ.
”އުތީމަކީ ދިވެހި އުންމަތަށް، ޒަޢާމަތެއް ނެރުއްވި މަދަރުސާއެއް. ރަށް ކުޑަނަމަވެސް ފަޚުރުވެރި ތާރީޚުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރުން. މިއަދުވެސް އެފަދަ ޝަހުސިއްތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތް” ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ މުޙައްމަދު ތަކުރުފާނުގެ އެފަސްގަނޑުން ީ އިތުރު އެފަދަ ޝަހުސިއްޔަތުތައް މިޤައުމަށް ނެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އުތީމާއި އެ އަތޮޅަކީވެސް ދިވެހި ޤައުމަށް ސިޔާސީ އެތައް ލީޑަރުންނެއް ނެރުއްވި އަތޮޅެއް ކަމަށާއި، މިހާރުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަކީވެސް ހއ އަތޮޅާ ވަރަށް ގުޅުން އޮންނަ ބޭފުޅެއް ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ހއ އަތޮޅުން ޢިލްމީ، ފިކުރީ، ސިޔާސީ އެތައް ބޭފުުޅުންނެއް ދިވެހި އުންމަތައް ނެރެދެއްވާފައިވާކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.