ދުނިޔެ
ޓްރަމްޕަށް ބޮޑު ނާކާމިޔާބީއެއް: ޑިމޮކްރެޓުން ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދައިފި
އެމެރިކާގެ ރައްޔިތުން ވޯޓަށްފަހު. ފޮޓޯ: ރޮއިޓަރސް
އެމެރިކާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިޚާބުގައި ވޯޓުލީ އެތައް މިލިއަން ރައްޔިތުން، ރައީސް ޑޮނަލްޑް ޓްރަމްޕާ މެދު އޮތް ހިތްހަމަނުޖެހުން ފާޅުކޮށް، ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮތް ދާއިރާތައް ކާމިޔާބުކޮށް، ޑިމޮކްރެޓިކް ޕާޓީން އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދިއިރު، މީގެ ކުރިން ކޮންޒަވޭޓިވް ޕާޓީއަށް ބޮޑު ތާއީދެއް އޮތް ސައުތު ކެރޮލައިނާ، ޓެކްސަސް އަދި އައޯވާ ފަދަ ސްޓޭޓްތަކުން ވެސް ޑިމޮކްރެޓުން ވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.
މި ނަތީޖާއިން ހާމަވަނީ ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ އިޤްތިޞާދު ބަލަހައްޓަމުން ގެންދާ ގޮތާމެދު އޮތް ހިތްހަމަނުޖެހުމާއި، ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި، ވޯޓުލީ މީހުން ވަނީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގްޒިޓް ޕޯލުން ދެއްކި ގޮތުގައި، ވޯޓުލީ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ދެކޭ ގޮތުގައި މި އިންތިޚާބަކީ ރައީސަށް ރައްދެއް ދިނުމަށް ލިބުމި ފުރުސަތެކެވެ. އަދި 70 އިންސައްތަ މީހުން ވަނީ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ކޮންގްރެސްގެ ފާރަވެރިކަން އިތުރުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.
ސެނެޓްގެ އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ރިޕަބްލިކަން ޕާޓީގެ އަތުން ހަ ގޮނޑި އަތުލައިގަނެފައެވެ. އެގޮތުން ކެންސަސްގައި މެގަޗާޗެއްގެ ޕާސްޓަރެއް ކަމަށްވާ އެޑަމް ހެމިލްޓަން ވަނީ "ގްރޭޓް ޑިޕްރެޝަން" އަށް ފަހު އެ ސްޓޭޓުން ސެނެޓް ގޮނޑިއެއް ކާމިޔާބުކުރި ފުރަތަމަ ޑިމޮކްރެޓްގެ ޝަރަފު ހޯއްދަވާފައެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު ޓްރަމްޕް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރެއްވި އޮހާޔޯގެ ސެނެޓް ގޮނޑި ޝެރޮޑް ބްރައުން ކާމިޔާބުކުރެއްވިއިރު، ޓެކްސަސްގައި ޑިމޮކްރެޓިކް މަންދޫބު ޖޭމްސް ޓަލަރީކޯ ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް އޮތް ރިޕަބްލިކަން އެޓާނީ ޖެނެރަލް ކެން ޕެކްސްޓަން ބަލިކުރައްވާފައެވެ.
ހަމައެއާއެކު، ސައުތު ކެރޮލައިނާގައި ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ އެނީ އެންޑްރޫސް ވަނީ ރިޕަބްލިކަން ސެނެޓަރު ޑާލީން ގްރެހަމްގެ މައްޗަށް ކުރި ހޯއްދަވާފައެވެ.
މި އިންތިޚާބުގައި ޓްރަމްޕް ވަނީ ތަޖުރިބާކާރު ކެންޑިޑޭޓުންގެ ބަދަލުގައި ޕެކްސްޓަން އަދި ގްރެހަމް ފަދަ ބޭފުޅުން ކުރިއަށް ނެރުއްވައި، އިންތިޚާބުގެ ފަހު ވަގުތު 24 އަށް ވުރެ ގިނަ ރެލީ ބާއްވަވައި ކެމްޕޭން ކޮށްފައެވެ. އަދި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން "ވޯޓު ކަރުދާހުގައި އަހަރެންގެ ނަން އޮތް ކަމަށް ދެކޭށޭ" ޓްރަމްޕް ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ.
ނަމަވެސް އަންގާރަ ދުވަހުގެ ރޭ ނަތީޖާތައް ސާފުވާން ފެށުމުން ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާގައި ބުނީ، ވޯޓު ކަރުދާހުގައި އޭނާގެ ނަން ނެތް ކަމަށާއި، ނަން އޮތް ނަމަ ބޮޑު އަޣުލަބިއްޔަތަކުން މޮޅުވީސް ކަމަށެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންތިޚާބުގައި ވެސް ޑިމޮކްރެޓުން ވަނީ ކެންޓަކީ، ނިއު ޖާޒީ އަދި ނޯތު ކެރޮލައިނާ ހިމެނޭހެން ރިޕަބްލިކަން ޕާޓީގެ މަދުވެގެން އަށް ގޮނޑި ކާމިޔާބުކޮށް، އަޣުލަބިއްޔަތު ހޯދުމުގެ މަގުމަތީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ އިތުރުން، ވިދިވިދިގެން ތިން ދައުރު ޓެކްސަސްގެ ގަވަރުނަރުކަން ކުރެއްވި ރިޕަބްލިކަން ޕާޓީގެ ގްރެގް އެބަޓް ބަލިކޮށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖީނާ ހިނޯހޯސާ ވަނީ ގަވަރުނަރުކަން ކާމިޔާބުކުރައްވާފައެވެ. އަދި އައޯވާ އާއި އޮހާޔޯގެ ގަވަރުނަރުކަން ވެސް ކާމިޔާބުކުރީ ޑިމޮކްރެޓުންނެވެ.
ޖޯޖިއާގެ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ޑިމޮކްރެޓިކް ސެނެޓަރު ޖޮން އޮސޮފް ކާމިޔާބީ ފާހަގަކުރުމުގެ ހަފުލާގައި ވިދާޅުވީ، އެމެރިކާގެ ރައްޔިތުން ވަނީ ރައީސް ޓްރަމްޕްގެ އަހުލާގީ ދަށުދަރަޖަކަމާއި، ކޮރަޕްޝަނާއި، ގާބިލުކަން ނެތް ކަމަށް ވަރުގަދަ ރައްދެއް ދީފައި ކަމަށެވެ. ފްލޮރިޑާގައި ރިޕަބްލިކަން ޕާޓީން ގޮނޑި ދިފާއުކުރި ނަމަވެސް، އެ ސްޓޭޓުން ވެސް ފެނިގެންދިޔައީ 2024 ވަނަ އަހަރާ އަޅާބަލާއިރު ރިޕަބްލިކަނުންގެ އަޣުލަބިއްޔަތު ވަރަށް ބޮޑަށް ކުޑަވެ، ޑިމޮކްރެޓުންނާ ދިމާއަށް ވޯޓުލީ މީހުންގެ ވިސްނުން ބަދަލުވެފައިވާ މަންޒަރެވެ.