ދުނިޔެ
ހޮރުމުޒް މައްސަލައިގައި އެމެރިކާގެ ޖަވާބު ބަލައިނުގަނެވޭ ކަމަށް އީރާނުން ބުނެފި
އިރާނުގެ މަގެއްގައި މީހަކު ހިނގާފަދަނީ.
ސްޓްރެއިޓް އޮފް ހޮރުމުޒް އަލުން ހުޅުވުމަށް އީރާނުން ހުށަހެޅި 7 ޝަރުޠަށް އެމެރިކާއިން ދިން ޖަވާބު ބަލައިނުގަނެވޭ ކަމަށް އީރާނުން ބުނެފައިވަނިކޮށް، އެ ކަނޑުއޮޅި ކައިރީގައި އޮންނަ އީރާނުގެ ރަށަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފައިވާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ.
މި ކުރިމަތިލުންތައް ހިނގަމުން މިދަނީ އެމެރިކާ އާއި އީރާނާ ދެމެދު އަލުން ހަނގުރާމައެއް ފެށުނަ ނުދިނުމަށް ޤަޠަރުން އިސްނަގައިގެން ނުސީދާ މަޝްވަރާތަކެއް ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙުސިން ރިޟާއީ 'އެކްސް' ގައި ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުން ހިމެނޭ ގޮތަށް އީރާނުން ހުށަހެޅި 7 ޝަރުޠަށް ވޮޝިންގޓަނުން ދިން ރައްދު ފުރިހަމަނޫން ކަމަށެވެ. އަދި ހޮރުމުޒް ކަނޑުއޮޅި ހުޅުވާލެވޭނީ އެމެރިކާއިން އެ ޝަރުޠުތަކަށް ފުރިހަމައަށް އިޖާބަދީ، އެއާ އެއްގޮތަށް ޢަމަލުކުރުމުން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. މި ދަނޑިވަޅުގައި ޤަޠަރުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ހުށަހެޅުންތައް ބަދަލުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ، އަންގާރަ ދުވަހުގެ ފަތިހު އެމެރިކާއިން ހަމަލާދިނީ އީރާނުން ހަދަމުންދިޔަ ވައިގެ ދިފާޢީ މަރުކަޒަކަށް ކަމަށެވެ. މިއީ ހަނގުރާމައެއް ނޫން ކަމަށާއި، ކުޑަ އޮޕަރޭޝަނެއް ކަމަށް ސިފަކުރަމުން ޓްރަމްޕް ބުނީ، ދެ މަސްދުވަހުގެ ތެރޭގައި އެ މަރުކަޒު ހަދައި ނިމުމާއެކު ހަމަލާދީ ހަލާކުކޮށްލީ ކަމަށެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ހޮރުމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ ޤިޝްމް އައިލެންޑަށެވެ.
އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު، ސަރަޙައްދުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ ތިން މަނަވަރު ހަރަކާތްތެރިވަމުންދާއިރު، އިތުރު ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމުގެ ރޭވުންތައް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ތައްޔާރުކޮށްފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ޙަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. އަދި އީރާނުގެ ރޫޙީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ އެއްވެސް ޖޯގްރަފީ އިމެއް ނެތި، އަންނަ ކޮންމެ ނުރައްކަލަކަށް ވަގުތުން ރައްދު ދިނުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް އަމުރުކުރައްވާފައެވެ.
ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަކަށް ހަމަލާދިނުން
މަސްރަޙު ގޯސްވަމުންދާ މި ދަނޑިވަޅުގައި، ހޮރުމުޒް ކަނޑުއޮޅިން މަނާކޮށްފައިވާ ސަރަޙައްދަކުން ދަތުރުކުރަން އުޅުނު ތެޔޮ އުފުލާ 4 ޓޭންކަރެއް ކަނޑުމަގުން އަޅާފައިވާ މައިންތަކުގައި ޖެހި ގޮވައި އަނދަމުންދާ ކަމަށާއި، ޤަވާޢިދާ ޚިލާފުވި އިތުރު ދެ އުޅަނދެއް ހިފަހައްޓާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުދަ ދުވަހު ވަނީ ބުނެފައެވެ. މީގެ އިތުރުން އެމެރިކާގެ އެމްކިއު-9 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށްވެސް އައިއާރްޖީސީން ބުނެއެވެ.
ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވެސް ވަނީ ޢޮމާން ކައިރިން ދަތުރުކުރި ޓޭންކަރެއްގެ އިންޖީނު ރޫމަށް ނުދަންނަ ދެ އެއްޗެއް އަރައި ގެއްލުންތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ހަމަލާތަކާ ގުޅިގެން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އިންޒާރުދެނީ، އަސްކަރީ ކުރިމަތިލުންތައް އިތުރުވެއްޖެނަމަ މުޅި ދުނިޔޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.