ދުނިޔެ
އިންތިޚާބު ގެއްލުނީ އީރާން ހަނގުރާމައިގެ ސަބަބުން: ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--
އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގައި އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ދައުރެއް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
މި އިންތިޚާބުގައި އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ ވާދަވެރި ޑިމޮކްރެޓިކް ޕާޓީންނެވެ.
ފޮކްސް ނިއުސްއަށް ފޯނުން ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އިންތިޚާބުގެ ނަތީޖާގެ އެއްބަޔަކީ އީރާނުގެ މައްސަލަ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ގަބޫލުކުރާ ގޮތުގައި އޭގެ އެއްބަޔަކީ އީރާނު. އެހެން ނަމަވެސް، އީރާނާ މެދު އެޅި ފިޔަވަޅުތަކުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނުނު،" ޓްރަމްޕް ބުންޏެވެ.
އަދި ހަނގުރާމައާ ގުޅިގެން ޕެޓްރޯލްގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވި ދަތިތައް ބަލައިގަންނަން ވޯޓުލީ ގިނަ މީހުން ބޭނުންނުވީ ކަމަށް ވެދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފައެވެ. މީގެއިތުރުން، އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ކެބިނެޓަށް ބަދަލެއް ގެނައުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
އެމެރިކާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިޚާބުގައި ވޯޓުލީ އެތައް މިލިއަން ރައްޔިތުން ވަނީ ޓްރަމްޕާ މެދު އޮތް ހިތްހަމަނުޖެހުން ފާޅުކޮށް، ޑިމޮކްރެޓިކް ޕާޓީއަށް ވޯޓުލައި އެ ޕާޓީއަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދައިދީފައެވެ.
ޓްރަމްޕް ވަނީ މި އިންތިޚާބުގެ ފަހު ވަގުތު 24 އަށް ވުރެ ގިނަ ރެލީ ބާއްވައި ކެމްޕޭން ކޮށްފައެވެ. އަދި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން "ވޯޓު ކަރުދާހުގައި އަހަރެންގެ ނަން އޮތް ކަމަށް ދެކޭށޭ" ޓްރަމްޕް ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ.
ނަމަވެސް އަންގާރަ ދުވަހުގެ ރޭ ނަތީޖާތައް ސާފުވާން ފެށުމުން ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާގައި ބުނީ، ވޯޓު ކަރުދާހުގައި އޭނާގެ ނަން ނެތް ކަމަށާއި، ނަން އޮތް ނަމަ ބޮޑު އަޣުލަބިއްޔަތަކުން މޮޅުވީސް ކަމަށެވެ.