ދުނިޔެ
މުރަސު ތޫފާން އިންޑިއާގެ އިރުމަތީ އައްސޭރިއަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
އިންޑިއާގެ ޗެންނާއީ. ފޮޓޯ: ރޮއިޓާސް
އިންޑިއާގެ އިރުމަތީ އައްސޭރިފަށުގެ އަންދްރަ ޕްރަދޭޝްއަށް ބާރުގަދަ "މުރަސު" ތޫފާން އަރައި، ގަސްތައް ވެއްޓި، ކަރަންޓު ދަނޑިތައް ވެއްޓި އަދި ތިރި ސަރަޙައްދުތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިއީ ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް އެރި މިފަދަ ދެވަނަ ތޫފާނެވެ. މީގެ ދުވަސްކޮޅެއް ކުރިން "އަރްނަބް" ތޫފާން ވެސް ވަނީ އެ ސަރަޙައްދަށް އަރައި ގެއްލުންތަކެއް ދީފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން މަޢުލޫމާތު ދިން ގޮތުގައި، މި ބާރުގަދަ ތޫފާން އެއްގަމަށް އަރާފައިވަނީ އަންގާރަ ދުވަހުގެ ދަންވަރު 1:00 ހާއިރު (ގްރީންވިޗް މީން ޓައިމުން ހޯމަ ދުވަހުގެ 19:30 ގައި)، ޕްރަކާސަމް ޑިސްޓްރިކްޓްގެ އޮންގޯލް ސަރަޙައްދަށެވެ. މީގެއިތުރުން، ދުވަހުގެ އެކި ވަގުތުތަކުގައި އެ ސްޓޭޓުގެ އެކި ޑިސްޓްރިކްޓްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރު ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ދީފައެވެ.
އަންދްރަ ޕްރަދޭޝްގެ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މެނޭޖިންގ ޑިރެކްޓަރ ޕްރަކާރް ޖެއިން ރޮއިޓާސްއަށް ވިދާޅުވީ، ތޫފާނުގެ ސަބަބުން ގަސްތަކާއި ކަރަންޓު ދަނޑިތައް ވެއްޓިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ނުވަތަ އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. ކާރިސާއިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހޯމަ ދުވަހުން ފެށިގެން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށާފައިވާއިރު، ގާތްގަނޑަކަށް 30,000 މީހުން ރައްކާތެރި ތަންތަނަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕްރަކާސަމް އަދި ބަޕަޓްލާ ޑިސްޓްރިކްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެތައް ހާސް ގަސްތަކެއް ވެއްޓި، އެތައް ސަތޭކަ ކަރަންޓު ދަނޑިތަކެއް ހަލާކުވެ، މަސްވެރި އުޅަނދުފަހަރަށް ގެއްލުންވެ، އަދި ދަނޑުބިންތަކަށް ވަނީ ފެނުގެ އަސަރުކޮށްފައެވެ. ޕްރަކާސަމް ޑިސްޓްރިކްޓްގެ ކޮތަޕަޓްނަމްގެ މަސްވެރިއެއް ކަމަށްވާ ކްރިޝްނައްމާ ޕީޓީއައިއަށް ބުނެފައިވަނީ، މިއީ ވޭތުވެދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާން ކަމަށެވެ. އަދި ތޫފާން އެރުމުގެ ކުރިން އެ އަވަށުގެ ގާތްގަނޑަކަށް 400 އާއިލާ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު އެކްސްގައި ވިދާޅުވީ، ތޫފާނުގެ އަސަރުތަކާ ގުޅޭގޮތުން އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން ޗަންދްރަބާބޫ ނައިޑޫއާ ވާހަކަދައްކަވާފައިވާ ކަމަށެވެ. މަރުކަޒީ ސަރުކާރުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި، ޤައުމީ އަދި ސްޓޭޓްގެ ކާރިސާތަކަށް އިޖާބަދޭ ޓީމުތައް މިހާރުވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން އަންނަ ކަމަށް އަމިތު ޝާހު ވިދާޅުވިއެވެ.
ބެންގާލް ކަނޑުއޮޅިން އުފެދުނު މި ތޫފާނުގެ އެންމެ ބޮޑު އަސަރެއް ކުރާނީ އަންދްރަ ޕްރަދޭޝް އަދި ޓެމިލް ނާޑޫއަށް ކަމަށް އައިއެމްޑީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން، މި ތޫފާނުގެ ސަބަބުން ޓެމިލް ނާޑޫ، ޕުޑުޗެރީ އަދި އޮޑިޝާ ސަރަޙައްދުތަކަށް ވެސް ބޯކޮށް ވާރޭވެހެމުންދެއެވެ.