ދުނިޔެ

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ޓީމުތަކުގެ ހިމާޔަތުގައި ތިބި ދެ ފުލުހަކު މަރާލައިފި

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ޓީމުތަކުގެ ހިމާޔަތުގައި ތިބި ދެ ފުލުހަކު މަރާލައިފި

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ދެނީ. ފޮޓޯ: އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2026، 01:36

04 ނޮވެމްބަރު 2026، 01:36

ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ޕޯލިއޯ ވެކްސިން ދޭ ޓީމުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ދެ ފުލުހަކަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައި މިވަނީ އެ ސަރަހައްދުގައި ވެކްސިން ޓީމުތަކުގެ ހިމާޔަތުގައި ތިބި ހަތަރު ފުލުހަކު ރަހީނުކުރިތާ އެއް ދުވަސް ފަހުންނެވެ.

އަންގާރަ ދުވަހު ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގައި މި ހަމަލާ ދީފައިވަނީ ސައިކަލެއްގައި ދިޔަ ހަތިޔާރުއެޅި ބަޔަކު ފުލުހުންގެ ކާރަކަށް އަމާޒުކޮށެވެ. ކައިރި އަވަށެއްގައި ވެކްސިން ދެމުންދިޔަ ޓީމުތަކަށް ހިމާޔަތް ދިނުމަށް ފުލުހުން ދަތުރުކުރަމުން ދަނިކޮށް ދިން މި ހަމަލާގައި ތިންވަނަ ފުލުހަކު ވަނީ ޒަޚަމްވެފައެވެ. ފުލުހުންގެ އޮފިޝަލެއް ކަމަށްވާ އަލީ ރެހްމާން ޚާން އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމަލާ ދިން ވަގުތު އެ ވެހިކަލުގައި ވެކްސިން ދޭ އެއްވެސް މުވައްޒަފަކު ނެތް ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް، ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ހަތިޔާރުއެޅި ޖަމާއަތްތަކުން މީގެ ކުރިން ވެސް މިފަދަ ހަމަލާތައް ދީފައިވެއެވެ. އެ ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި ޕޯލިއޯ ވެކްސިން ދިނުމަކީ ކުދިން ދަރިމައިނުވާ ގޮތް ހެދުމަށް ހުޅަނގުގެ ގައުމުތަކުން ރާވައިގެން ހިންގާ ހަރަކާތެކެވެ.

މި ހަމަލާ ކުށްވެރިކުރައްވައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ވިދާޅުވީ، މިއީ އިންތިހާއަށް ހިތާމަވެރި އަދި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޕޯލިއޯ ޓީމުތަކުގެ ހިމާޔަތުގައި ހަރަކާތްތެރިވާ ފުލުހުން އަދާކުރަނީ ގައުމީ ވާޖިބެއް ކަމަށާއި، އެ ފަރާތްތަކުގެ ގުރުބާނީ ހަނދާން ނައްތައިނުލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ހޯމަ ދުވަހު ޚައިބަރު ޕަޚްތޫންޚްވާ އިން ރަހީނުކުރި ހަތަރު ފުލުހުން ހޯދުމުގެ މަސައްކަތް ވެސް ސަލާމަތީ ބާރުތަކުން ދަނީ ކުރަމުންނެވެ.

މި ހަމަލާތައް ކުރިމަތިވެފައި މިވަނީ، ނުރައްކާ ބޮޑު 97 ޑިސްޓްރިކްޓެއްގައި ތިބި ގާތްގަނޑަކަށް 24 މިލިއަން ކުދިންނަށް ވެކްސިން ދިނުމަށް ޚާއްސަ ކެމްޕޭނެއް ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ދުނިޔޭގައި ޕޯލިއޯ ބަލި އަދިވެސް ނައްތާނުލެވި އޮތް ހަމައެކަނި ދެ ގައުމަކީ ޕާކިސްތާނާއި އަވަށްޓެރި އަފްޣާނިސްތާނެވެ. ޕާކިސްތާނުން މިދިޔަ އަހަރު މި ބަލީގެ 31 ކޭސް ފެނިފައިވާއިރު، މި އަހަރު މިހާތަނަށް 8 ކޭސް ވަނީ ރެކޯޑުކުރެވިފައެވެ. މީގެ ތެރެއިން 6 ކޭސް ފެނިފައިވަނީ ހަމަލާ ހިނގި ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450