ޚަބަރު
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް މިފަހަރުވެސް ސަލީމް
އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް. ފޮޓޯ: މަޖިލިސް އިދާރާ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މަޖިލީހުގެ ނައިބު ރައީސް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އައްޔަންކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމާއި، އިގްތިސޯދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ފަޒާދު އެ މަގާމުތަކަށް އައްޔަންކުރަން ނިންމީ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ. އަދި އެ ނަންތަކަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ދެ ބޭފުޅުން ފިޔަވައި އިތުރު ބޭފުޅެއްގެ ނަން މުގައްރިރު އަދި ނައިބު މުގައްރިރުކަމަށް ހުށައެއްނާޅައެވެ. މިއަހަރުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވީ ސަލީމެވެ. އަދި ނައިބު މުގައްރިރަކަށް ހުންނެވީ ފަޒާދެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. ނަމަވެސް ދައުލަތް ހިންގުމުގެ ރިކަރަންޓު ޚަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއަށް ވުރެ 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށް ކަމަށްވާއިރު، އެ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ދާތީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވަނީ ނިންމައިލައިފައެވެ. މި އަހަރުގެ ބަޖެޓަށް ވެސް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.