ޚަބަރު
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން---
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން މަޤާމުން ރިޓަޔަރކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.
ޖޭއެސްސީން ވިދާޅުވީ، 01 ޑިސެންބަރުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރކުރެއްވުމަށް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދެއްވުމަށް އެ ކޮމިޝަނުން މިހާރު ނިންމަވާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 08 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހެނީ ޖޭއެސްސީގެ 'ފަހިރެސް' ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، އެޕްލިކޭޝަންގެ ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސުންގަޑި ހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް ޖޭއެސްސީން މަޢުލޫމާތުދެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި:
ޢުމުރުން 30 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން.
ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ.
ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރު ޢަލީ ރަޝީދުގެ އިތުރުން މިހާރު ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.