ޚަބަރު
ދިއްގަރު 75 ހައުސިން ޔުނިޓު: މިހާރު ކުރިޔަށްދަނީ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް
ދިއްގަރު ހައުސިން ޔުނިޓުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ
މ. ދިއްގަރުގައި ސަރުކާރުން ކުރިއަށްގެންދާ 75 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިޔަށްދަނީ 2 ވަނަ ޔުނިޓުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 18 އެޕްރީލް 2024 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށައިގެން ބާރަށް ކުރިއަށްދާއިރު، ދިއްގަރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 1000 އަކަފޫޓުގެ ހައުސިންގ ޔުނިޓުތަކެކެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމެއް ހިމެނޭނެއެވެ. މިއީ އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫޢެކެވެ.
ދިއްގަރުގެ ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭގޮތުން، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، މި މަޝްރޫޢު އިތުރަށް ފުޅާކޮށް، ތަރައްޤީގެ ރޮނގުން ރަށަށް އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެއިތުރުން ދިއްގަރުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.