ޚަބަރު
ތ. އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމަށް ކުވައިތު ފަންޑާއެކު 9.7 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ސޮއި ކުރުން - ފޮޓޯ: ފިނޭންސް މިނިސްޓްރީ
ތ. ވޭމަންޑޫގައި އެ އަތޮޅު ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކައި، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ، މިއީ ހަމައެކަނި ޢިމާރާތެއް އެޅުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ޤައުމުގެ މުސްތަޤްބަލުގެ ފާގަތިކަމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު، ހަމަހަމަ ޞިއްޙީ ޚިދުމަތެއް ކަށަވަރުކޮށްދިނުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުވައިތު ފަންޑުން ޒަމާނުއްސުރެ ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި އެ ފަރާތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
ތ. އަތޮޅު ހޮސްޕިޓަލް އެޅުމަށް މި ފައިސާ ހަމަޖެހިފައިވަނީ ކުވައިތު ފަންޑުން ރާއްޖެއަށް ކޮންމެ އަހަރަކު ކަނޑައަޅާފައިވާ 10 މިލިއަން އެމެރިކާ ޑޮލަރުގެ ކަންޓްރީ ލިމިޓުގެ ދަށުންނެވެ.
ކުވައިތު ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިއީ އެ ފަންޑުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނެވެ. އަދި މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، 1976 ވަނަ އަހަރު ރާއްޖެއާއެކު އެ ފަންޑުން ގުޅުން ޤާއިމުކުރި ފަހުން ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ޖުމްލަ 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވެއެވެ. އަދި އެކި ދާއިރާތަކުން ހިލޭ އެހީއާއި ފަންނީ އެހީގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމަށްވެސް އަލްބަދަރު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަށް އޮތް އިތުރު އުފާވެރި ޚަބަރެއް ހިއްސާކުރައްވަމުން އަލްބަދަރު ވިދާޅުވީ، އޭއައިއައިބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޒަރީރު އެދިވަޑައިގެންނެވި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އަހަރީ ކަންޓްރީ ލިމިޓު 10 މިލިއަން ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ކުވައިތު ފަންޑުން ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ފައިނޭންސް ކުރުމުގައި ބައިވެރިވުމުގެ މަޝްވަރާތަކާއި ތައްޔާރީތައް ވަގުތުން ފަށްޓަވާނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.