ޚަބަރު
ވިސިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2027 ނެރެފި
"ވިސިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2027" އެޑިޝަން ނެރުން. ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިމެނޭ، "ވިސިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2027" އެޑިޝަން ނެރެފިއެވެ.
މި ފޮތް އިފްތިތާހުކޮށްފައި ވަނީ ވޯލްޑް ޓްރެވަލް މާކެޓް ލަންޑަންގައި، ދިވެހިރާއްޖޭގެ ސްޓޭންޑްގައި ބޭއްވި އިވެންޓުގައެވެ. މި އިވެންޓްގައި ފޮތް ނެރެދެއްވީ ފަތުރުވެރިކަމާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރުއެވެ.
މި ޑެސްޓިނޭޝަން ގައިޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މުހިންމު މަޢުލޫމާތުތައް ޝާއިއުކުރުމުގެ ގޮތުން ނެރޭ ފޮތެކެވެ.
މި ޑެސްޓިނޭޝަން ގައިޑާއި ގުޅޭގޮތުން ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ، ޑެސްޓިނޭޝަން ގައިޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މާކެޓާ ޙިއްސާކުރުމަށް ވަރަށް ރޭވުންތެރިކަމާއެކު، ގިނަ މަޢުލޫމާތުތަކެއް ހިމެނޭހެން ތައްޔާރުކޮށްފައިވާ ފޮތެއްކަމަށެވެ.
ރާއްޖޭގެ ރިސޯޓްތަކާއި، ޓުއަރ އޮޕަރޭޓާރުންނާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން މި ދާއިރާއިން ކުރިއަށްދިއުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް މި ފޮތުގައި ވަނީ ހިމަނާފައެވެ.
މި ފޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މެންބަރު ޕްރޮޕަޓީތަކުގެ އިތުރުން ދިވެހިންގެ އާދަކާދައާއި ސަގާފަތާ ގުޅޭ މުހިންމު މައުލޫމާތުތައް ހިމެނޭނެ ކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި މި ފެއާގައި މި ފޮތް ނެރުމުގެ މައިގަނޑު ބޭނުމަކީ ބީޓޫބީ ބައްދަލުވުންތަކުގައި ވިޔަފާރިތަކާ މި މައުލޫމާތުތައް ހިއްސާކޮށް، އެ ފަރާތްތައް މެދުވެރިކޮށް ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ"ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާއިރު، އަލަށް ނެރުނު މޯލްޑިވްސް ޓްރެވަލް ގައިޑުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ދަތުރުފަތުރާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނެއެވެ.
މިއީ ބައިނަލްއަގުވާމީ ވިޔަފާރީގެ ބައިވެރިންނަށާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ރާވާ ފަތުރުވެރިންނަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ އަގުހުރި ވަސީލަތެކެވެ.