ޚަބަރު
އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަހުދީއަށް އަރުވައިފި
އިޓަލީ ސަރުކާރުން، ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީގެ ހަނދާނަށް އެރުވުން. ފޮޓޯ: ޕީއެސްއެމް ނިއުސް
ވ. އަތޮޅަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތާއި އާދަޔާޚިލާފު ހިތްވަރުގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ ހަނދާނަށް އަރުއްވައިފިއެވެ.
މި ޝަރަފު މަހުދީއަށް އެރުއްވީ ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މަހުދީގެ ހަނދާނަށް އަރުވާފައިވަނީ އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޓަލީ ސަރުކާރުން އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އެވެ. މި ޝަރަފު މަހުދީއަށް އަރުއްވާފައިވަނީ އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި އޭނާ ދެއްކެވި އާދަޔާޚިލާފު ހިތްވަރާއި އިންސާނިއްޔަތަށްޓަކައި ކުރެއްވި އަގުހުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މީގެ އިތުރުން ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން ވަނީ މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ފަންޑްރެއިޒިންގ ހަރަކާތެއް ވެސް ފަށާފައެވެ.
ރަސްމިއްޔާތުގައި މަހުދީގެ ހަނދާނަށް މި އެވޯޑު އަރުވާފައި ވަނީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އަދި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވަނީ މި އަހަރުގެ މެއި މަހު ވ. އަތޮޅުގައި ހިނގި ހާދިސާގައި އިޓަލީވިލާތުގެ 5 ރައްޔިތަކާއި، އެ މީހުން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހަނދާންކުރައްވައި، އެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
އަދި އެ ހިތާމަވެރި ދަނޑިވަޅުގައި އިޓަލީވިލާތުގެ ސަރުކާރާއި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމަށް ޓަކައި ދިވެހި ސަރުކާރުގެ ނަމުގައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޓަލީގެ ސަފީރު ޑެމިއާނޯ ވިދާޅުވީ، މިއީ އެ ގައުމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި މިފަދަ ހަރަކާތެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ. ސަފީރު ޑެމިއާނޯ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތައް ރާއްޖޭގައި ބޭއްވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.