ޚަބަރު
65 އަހަރުވުމަށްފަހު ވެސް ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭ ގޮތް ހަމަޖައްސައިފި
ޙައްޖަށް ދިޔަ ދިވެހީންތަކެއް/ފޮޓޯ: މެންދުރު ޓީވީ
ޢުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ.
ގާނޫނަށް މި އިޞްލާޙު ގެނައުމުގެ ކުރިން، 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ހައްޖުގެ ޖާގަ ކަށަވަރުވާއިރު 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ޖާގަ ރިޒާވްކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުޞަތު ކަނޑައެޅިފައެއް ނުވެއެވެ.
ނަމަވެސް މި އައު އިސްލާހާއިއެކު، ޝަރުތުހަމަވާނަމަ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ހައްޖުގެ ފަރުޟު އަދާކުރެވޭނެއެވެ. އެހެންކަމުން، 65 އަހަރު ވުމުގެ ސަބަބުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި، ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށް ވެސް މި ފުރުސަތުގެ ބޭނުން ހިފޭނެއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހު ވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.
މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާއި ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއެވެ.
މީގެއިތުރުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.
ނަމަވެސް، އެއްވެސް ސަބަބަކާހުރެ ޙައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށް ވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.