Ads by Farudhun

ޚަބަރު

ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ނައިބު ރައީސް ފާހަގަކުރައްވައިފި

ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ނައިބު ރައީސް ފާހަގަކުރައްވައިފި

ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ނޮވެމްބަރު 2026، 10:15

05 ނޮވެމްބަރު 2026، 10:15

ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ފާހަގަކުރައްވައިފިއެވެ. 

އެމަނިކުފާނު މިކަންތައްތައް ފާހަގަކުރެއްވީ އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި މިއަދު ކުރިއަށްދިޔަ އެގްޒެކެޓިވް ސެޝަން 2 ގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ފާހަގަކުރެވި 3 ކަންތައްތަކުގެ ތެރޭގައި ހިމެނެނީ،  މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތްކުރުމަށް މީހުން ބާރުވެރިކުރުވުމާއި، ޤައުމީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން އަށަގެންނެވުމާއި، އަދި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެން ގުޅިގެން ޢަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމެވެ.

ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ޤާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ޤައުމީ މަޞްލަޙަތުތަކަށް އިޙްތިރާމްކުރެވި، ކޮންމެ މެންބަރު ޤައުމަކަށް ވެސް އެޤައުމެއްގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ހަމައަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޓަކައި ތަޖުރިބާ ޙިއްޞާކުރުމާއި، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ގުޅިގެން ޙައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށް ވެސް ނައިބު ރައީސް ގޮވާލެއްވިއެވެ.

މީގެއިތުރުން، ކޮމަންވެލްތް ވަރުގަދަވުމަކީ ޤައުމުތަކުގެ އަމިއްލަ ބާރާއި ޤާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާޢަތަކަށް ކޮމަންވެލްތްވުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒުތައް ތަކުރާރުކުރައްވައި، 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީ.ޑީ.ޕީ ގެ 15 އިންސައްތައަށް ހެދުމަށާއި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ބައެއްކަން ބަޔާންކުރައްވަމުން، ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ޙައްޤުވާ ބަޔަކީ ރައްޔިތުން، އަދި ޚާއްޞަކޮށް ޒުވާނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޒުވާނުންނަށް ހުނަރާއި، ޢިލްމާއި، ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރެވޭ ވުނަކުރުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބޭރުން އަންނަ ގޮންޖެހުންތައް، ޚާއްޞަކޮށް ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިޤްތިޞާދީ ނުރައްކާތަކުގެ ސަބަބުން، ދުރުރާސްތާގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި ވުނަކުރުމަށް ޤައުމުތަކަށް އޮތް ފުރުޞަތު ހަނިވަމުންދާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ޤައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450