ކުޅިވަރު

ކުރީކޮޅު ލީޑު ނެގުނު ނަމަވެސް ކޮރެއާ މެޗު ރާއްޖެއަށް ކާމިޔާބެއް ނުކުރެވުނު

ކުރީކޮޅު ލީޑު ނެގުނު ނަމަވެސް ކޮރެއާ މެޗު ރާއްޖެއަށް ކާމިޔާބެއް ނުކުރެވުނު

ރާއްޖެއަށް ގޯލު ކާމިޔާބުކޮށްދިން ސާދު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ނޮވެމްބަރު 2026، 12:39

05 ނޮވެމްބަރު 2026، 12:39

ޗައިނާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކައި ކުރީކޮޅު ލީޑު ނެގި ނަމަވެސް، 5-1 ގެ ނަތީޖާއަކުން ވަރުގަދަ ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގައި އެންމެ ކުރީގައި އޮތީ ދެކުނު ކޮރެއާއެވެ. އެ ޓީމު ދުނިޔޭގެ ރޭންކިންގެ 69 ވަނައިގައި އޮތްއިރު، ރާއްޖެ އޮތީ ރޭންކިންގެ 99 ވަނައިގައެވެ.

މި މެޗު ފަށައިގެން 6 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސާދު ނިޒާރެވެ. އޭނާ ކަނާތު ފައިން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ނަމަވެސް، ރާއްޖެއިން ލީޑު ނެގިފަހުން ކޮރެއާއިން ވަނީ ކުޅުން ރަނގަޅުކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

ފުރަތަމަ ހާފުގައި ރާއްޖެއަށް ނަތީޖާގެ ފަރަގު ކުޑަކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބުނެވެ. އެގޮތުން ހުސެން ސުހެއިލް، އިދިކޮޅު ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލުގެ ތެރެއަށް ފޮނުވާލަން އުޅުނު ބޯޅައިގައި އެކަށީގެންވާ ބާރެއް ނެތުމުގެ ސަބަބުން، ކޮރެއާގެ ޑިފެންޑަރަކު ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން ސަލާމަތްކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ކޮރެއާއިން ވަނީ އިތުރު ދެ ގޯލު ޖަހައި، 5-1 އިން މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރު ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާ އަދި ހޮންގްކޮންގްއެވެ.

މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި ނުކުންނާނީ ހޮންގްކޮންގާ ދެކޮޅަށެވެ. މި މަހުގެ 7 ވަނަ ދުވަހު ކުޅޭ މި މެޗަކީ ރާއްޖެއަށް މޮޅުވުމުގެ ފުރުސަތު ބޮޑު މެޗެއް ކަމަށް ބެލެވެއެވެ. ސަބަބަކީ ހޮންގްކޮންގަކީ ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް ވުރެ ފަހަތުގައި، 118 ވަނައިގައި އޮތް ޓީމަކަށް ވާތީއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450