ޚަބަރު
މުރައިދޫ މިސްކިތް ޢިމާރާތްކުރުން: ރީއިންފޯސްމަންޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ހއ. މުރައިދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ހއ. މުރައިދޫގައި ސަރުކާރުން އަލަށް އިމާރާތްކުރަމުންދާ މިސްކިތުގެ އަމަލީ މަސައްކަތްތަކުގެ ތެރެއިން، ރީއިންފޯސްމަންޓްގެ މަސައްކަތްތައް ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެކްސްގައި ހިއްސާކުރި ޕްރޮޖެކްޓް އަޕްޑޭޓެއްގައި ބުނެފައިވަނީ، މުރައިދޫ މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ރީއިންފޯސްމަންޓް އެޅުމުގެ މުހިންމު މަސައްކަތްތައް ކަމަށެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ 7.21 މިލިއަން ރުފިޔާއަށް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
Project Update: Construction Of HA. Muraidhoo Mosque Reinforcement works are currently ongoing at the project site. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/hPH6MDiRAE
— MTCC Plc (@MTCCPlc) November 5, 2026
މި މަސައްކަތުގެ ދަށުން އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭ ގޮތަށް، 3650 އަކަފޫޓުގެ ބިމެއްގައި މިސްކިތެއް އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ނަމާދުކުރާ ހޯލުގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވުޟޫކުރެވޭނެ އިންތިޒާމުތަކާއި، ސާފުތާހިރުކުރުމަށް ބޭނުންކުރާ ތަކެތި ރައްކާކުރާނެ ތަނަކާއި، މުންނާރަކާއި މިހުރާބުގޭގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. ހަމައެއާއެކު، އަޑުގަދަކުރާ ނިޒާމު ކޮންޓްރޯލްކުރާ ސައުންޑް ރޫމަކާއި، އިމާމު ބޭކަލުންނަށް ޚާއްޞަ ކޮޓަރިއެއް ވެސް މި މިސްކިތުގައި ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
ހއ. މުރައިދޫގެ މި މަސައްކަތް ފުރިހަމަވުމުން، އެ ރަށުގެ ރައްޔިތުންގެ އިޖުތިމާއީ ދިރިއުޅުމަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކާއި ފަސޭހަތައް ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް، ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް އަދި ވަޤުފު އިމާރާތްތައް ބިނާކުރުން ހިމެނޭހެން 70 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.