ޚަބަރު
ކޮރަޕްޝަން ތަހުގީގުކުރާ އިންވެސްޓިގޭޓަރުން އުފައްދަން ކޯހެއް ފަށަނީ
އެންޓި ކޮރަޕްޝަން ކޮމިޝަން... ފޮޓޯ: އޭސީސީ
ކޮރަޕްޝަން ތަހުޤީޤުކުރުމަށް އިންވެސްޓިގޭޓަރުން ނެތުމުގެ ދަތިކަން ހައްލުކުރަން އަންނަ އަހަރު ރަސްމީކޮށް ޑިޕްލޮމާ ކޯހެއް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ، އެމްނާކާއިން ނިންމާފައިވާކަމަށް އެ އެކަޑަމީއިން ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީގޮތުން ޤާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ޙައްލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ހާއްސަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުން ކަމަށްވާއިރު، މި ހުސްކަން ފުރާލުމަކީ ދައުލަތުގެ ޢަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް މުހިއްމު ކަމެކެވެ.
އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤު ކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީގޮތުން ޤާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން ކަމަށެވެ. އަދި އެމްނާކާއިން ފަށަން ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރާލައި، ބައިނަލްއަޤުވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެމްކިއުއޭ އިން ފާސްކޮށްފައިވާ މި ޑިޕްލޮމާ ކޯހަކީ، ތަހުޤީޤީ ދާއިރާގެ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ތަޙުޤީޤީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމެންޓް ކުރިއަށް ގެންދިއުމުގެ ހުނަރު ދަސްކޮށްދޭނެއެވެ. މީގެއިތުރުން ޤާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރު ކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ޤާބިލުކަން ބިނާކުރެވޭނެއެވެ. ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ހިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި، އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ތަހުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައްވެސް މި ކޯހުގައި ކިޔަވައިދޭނެއެވެ.
ދައުލަތުގެ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރިކަން އަށަގަންނުވައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުގެ ފަންނީ ޤާބިލުކަން އިތުރު ކުރުމުގެ މަޤްޞަދުގައި އެމްނާކާއިން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތްތައް ކުރިއަށްގެންދެއެވެ. އެގޮތުން އޭސީސީގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަޙުޤީޤީ ޓީމުތަކާއި މުވައްޒަފުންގެ ފަންނީ ހުނަރު ހަރުދަނާކުރުމަށް ކޮރަޕްޝަން ތަޙުޤީޤުކުރުމުގެ ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތަކާއި، ޤާނޫނީ އަދި އިޖުރާއީ ހޭލުންތެރިކަމުގެ ތަމްރީނުތައް ފޯރުކޮށްދެއެވެ. ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ކުރު ކޯސްތައް ހިންގައި، އެ ތަންތަނުގެ އިސްވެރިންނާއި މުވައްޒަފުންނަށް ކޮރަޕްޝަންގެ ހިރާސްތައް ދެނެގަންނާނެ ގޮތާއި، އެފަދަ ކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ހުނަރާއި ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ އެކަޑަމީން ކުރަމުންދެއެވެ. މީގެ އިތުރުން، ޤައުމީ ފެންވަރުގައި ތަޙުޤީޤީ އިންސާނީ ވަސީލަތް ބިނާކުރުމަށް މުޅި ރާއްޖެއަށް ބޭނުންވާ ޕްރޮފެޝަނަލް އިންވެސްޓިގޭޓަރުން އުފެއްދުމަށް މި އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ޕްރޮގްރާމް ރޯލްއައުޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމާއި އިންސާފު ޤާއިމުކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ފަންނީ ޤާބިލު އިންވެސްޓިގޭޓަރުން ނެތުމުގެ މައްސަލައަށް މި ފެށޭ ޑިޕްލޮމާ ކޯހުގެ ސަބަބުން ދެމެހެއްޓެނިވި އަދި ފުރިހަމަ ޙައްލެއް ލިބިގެންދާނެއެވެ. މިފަދަ ޒަމާނީ ތަޙުޤީޤީ ޕްރޮގްރާމްތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުވެ، ޤައުމީ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.