Ads by Farudhun

ޚަބަރު

ވަޒީރު ޝިޔާމް، ޗައިނާގެ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީއަށް ޒިޔާރަތްކުރައްވައިފި

ވަޒީރު ޝިޔާމް، ޗައިނާގެ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީއަށް ޒިޔާރަތްކުރައްވައިފި

މި ޒިޔާރަތުގެ ތެރެއިން...ފޮޓޯ: ވުޒާރާ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 ނޮވެމްބަރު 2026، 04:39

05 ނޮވެމްބަރު 2026، 04:39

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސިލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ޗައިނާގެ ސާންޔާގައި ހުންނަ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީ އިންޑަސްޓްރީ ޕްރޮމޯޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތަކީ، 7 ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސް އިންތިޒާމުކުރި ފަރާތްތަކުގެ ޚާއްޞަ ދައުވަތަކަށް ޗައިނާގެ ހައިނާންއަށް މިނިސްޓަރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މުހިންމު ޒިޔާރަތެކެވެ.

މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ބްލޫ އެކޮނޮމީ ކުރިއަރުވައި ވަރުގަދަ ކުރުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ޒަމާނީ ވަސީލަތްތައް ދެނެގަތުމެވެ. މިގޮތުން، މަސްވެރިކަމުގެ ދާއިރާއާއި، އެކުއާކަލްޗަރ ނުވަތަ ކަނޑުމަސް އާލާކުރުން އަދި މެރިން ސައިންސްގެ ދާއިރާއިން ޗައިނާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި، ސައިންސާއި ޓެކްނޮލޮޖީގެ އީޖާދުތައް މިނިސްޓަރުގެ ވަފުދުން ވަނީ އަމަލީ ގޮތުން ބައްލަވާލައްވާފައެވެ.

ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީއަކީ ކަނޑުގެ ދިރާސާތަކާއި، އެކުއާކަލްޗަރގެ އައު ނަމޫނާތައް ތަރައްޤީ ކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ މަރުކަޒެކެވެ. މި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި ދެ ޤައުމުގެ ދެމެދުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ މެދު ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.



ވަޒީރު ޝިޔާމް ޗައިނާގެ ސާންޔާގައި ހުންނަ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީ އިންޑަސްޓްރީ ޕްރޮމޯޝަން ސެންޓަރަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ވަފުދުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން އުފެއްދުންތެރިކަން އިތުރުކޮށް، ތިމާވެށްޓާއި ރައްޓެހި ގޮތްތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރ ކުރިއެރުވުމަށް ބޭނުންވާ ފަންނީ އިލްމާއި ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450