ޚަބަރު
އެޗްޑީސީގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް
އެޗްޑީސީއިން ހެލްތު އެކްސްޕޯގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "ހެލްތު އެކްސްޕޯ 2026" ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ދިނުމަށްކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެގޮތުން މި ސްޓޯލް މެދުވެރިކޮށް، އެ ކޯޕަރޭޝަނުން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެމުންދާނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އެ ފަރާތްތަކަކީ އުފާވެރި އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށް ހިތްވަރުދިނުމެވެ.
އަންނަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެކްސްޕޯގައި ހުންނަ އެޗްޑީސީގެ ސްޓޯލުން މި ޕްރޮގްރާމަށް ރަޖިސްޓްރީ ވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، ޖުމްލަ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިގޮތުން ކޮންމެ ބެޗަކަށް ވެސް ހަފުތާއަކު ތިން ދުވަހު، ޖުމްލަ 12 ސެޝަން ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
މި ހަރަކާތްތަކުގެ ތެރޭގައި އިސްރަށްވެހިންގެ އުމުރާ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ޚާއްޞަ ކަސްރަތުތައް ހިމެނެއެވެ. މީގެ އިތުރުން ވެސް އިސްރަށްވެހިންނަށް ބޭނުންތެރި އަދި ގުޅުން ބަދަހިކުރެވޭނެ ގިނަ ހަރަކާތްތަކެއް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާލެއަކީ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް ވެސް އުފަލާއި ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ ހިތްފަސޭހަ މާހައުލަކަށް ހެދުމެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އަވައްޓެރިންނާ އޮންނަ ގުޅުން ވަރުގަދަކޮށް، އެކަނިވެރިކަން ފިލުވައިދީ އުފާވެރި މުޖުތަމައެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެހެންކަމުން، ހެލްތު އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ސެންޓްރަލް ޕާކުގައި ހުންނަ އެޗްޑީސީގެ ސްޓޯލަށް ޒިޔާރަތްކޮށް، "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމާއި އެ ކޯޕަރޭޝަނުން ހިންގާ އެކި އިޖުތިމާއީ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯއްދެވުމަށް އެޗްޑީސީން ވަނީ އާންމުކޮށް އެންމެހައި ފަރާތްތަކަށް ދައުވަތު އަރުވާފައެވެ.