ޚަބަރު
ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކުރުމަށްފަހު އާންމުންނަށް ހުޅުވާލައިފި
ހުޅުމާލެ ލަކުޑި ޖެޓީ / ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ލަކުޑި ޖެޓީއަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްފަހު، އެ ޖެޓީ އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.
މި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވާން މެދުވެރިވީ، މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ހިނގި ހާދިސާއެއްގައެވެ. މި ހާދިސާއާ ގުޅިގެން ޖެޓީގެ ބޮޑު ބަޔަކަށް ގެއްލުންވެ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ.
މި ފާލަން އަލުން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުންނެވެ. އެ ކުންފުނިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގި އޯގަސްޓު މަހުގެ ތެރޭގައި ވަގުތުން ފެށި މަރާމާތުގެ މަސައްކަތްތައް އަވަސްކޮށް، ކުރު މުއްދަތެއްގެ ތެރޭގައި އަލުން ޚިދުމަތަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އަބަދުވެސް ހުޅުމާލޭގައި ގާއިމުކޮށްފައިވާ އާންމު ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމެވެ. އަދި އާންމު ރައްޔިތުންނަށާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީހާވެސް ރައްކާތެރި އަދި ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
މަރާމާތަށްފަހު މިހާރު ލަކުޑި ޖެޓީ އާންމުންނަށް ހުޅުވާލާފައިވާއިރު، މިއީ ހުޅުމާލޭގައި ހިތްފަސޭހަކޮށްލުމަށާއި ދަތުރުފަތުރުގެ ބޭނުންތަކަށް ގިނަ އަދަދެއްގެ އާންމުން ބޭނުންކުރަމުން އަންނަ މުހިންމު ތަނެކެވެ.