ޚަބަރު
ޒިހާންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި
ހަސަން ޒިހާން---
ދައުލަތުގެ މުހިންމު ތިން އިމާރާތެއްގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް، ފަސްޓް ލެފްޓިނެންޓް (ރިޓަޔަރޑް) އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ފުވައްމުލަކު ސިޓީން ޒިހާން ހައްޔަރުކުރުމަށްފަހު، އެ ސިޓީގެ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް ދެވަނަ ފަހަރަށް 14 ދުވަސް އިތުރުކޮށްދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ގާނޫނާ ހިލާފު މި އަމަލާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި މި މައްސަލަ ފުލުހުންގެ ފަރާތުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. ޒިހާން ހައްޔަރުކުރީ އޭނާ ކުރި ޕޯސްޓާ ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރުދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި މިފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.