ޚަބަރު
ހިޔާވަހި ފައިނޭންސް ސްކީމްގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭނެ ގޮތްތައް ބަލާނަން: ރައީސް
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑު / ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ތަޢާރަފުކޮށްފައިވާ "ހިޔާވަހި ފައިނޭންސިންގ ސްކީމް"ގެ ފައިދާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް، އެކަން ގާތުން ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައި ބައްދަލުކުރެއްވި އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި ރައްޔިތު މީހާ ވަނީ، ހިޔާވަހި ސްކީމްގެ ދަށުން ރާއްޖެތެރޭގެ ރަށްރަށަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ކަނޑައަޅާފައިވީ ނަމަވެސް، އޭނާ އެދިގެން ލިބިފައިވަނީ 650،000 (ހަ ލައްކަ ފަންސާސް ހާސް) ރުފިޔާ ކަމަށް ބުނެފައެވެ. އަދި އެއީ ގެދޮރު އެއްކޮށް ނިންމުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމުގެ ކަންބޮޑުވުން އޭނާ ރައީސްއާ ހިއްސާކުރިއެވެ.
މި ކަމާ ގުޅިގެން ރައީސް ވިދާޅުވީ، މީގެ ކުރިން މިފަދަ މައްސަލައެއް އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށެވެ. އަދި މިކަން ހިނގާފައި މިވަނީ އެމަނިކުފާނު ކަނޑައެޅުއްވި ނުވަތަ ވިސްނަވާފައި އޮތް ގޮތަށް ނޫންކަން ފާހަގަކުރައްވައި، މި މައްސަލަ ވަރަށް ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން.
ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި މައިގަނޑު 3 ސްކީމެއް ހިމެނެއެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމާއި، ސަހަރު ފައިނޭންސިންގ ސްކީމްގެ އިތުރުން ފަހިމާލެ ފައިނޭންސިންގ ސްކީމެވެ.
މި ސްކީމްތަކުގެ ތެރެއިން ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުން ހުށަހަޅާ ފަރާތްތަކަށް ޚާއްޞަ "ރަށްވެހި" ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ. އަދި އަރބަން ސެންޓަރުތަކުން "ސަހަރު" ފައިނޭންސިންގ ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ ލިބޭއިރު، މާލެ ސަރަޙައްދަށް ހުޅުވާލި "ފަހިމާލެ" ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާ އެކުވެގެން 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.