ޚަބަރު
ފެނަކައިގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިންމާލައިފި
ފެނަކައިގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ޚިދުމަތް ސްޓެލްކޯގެ ދަށަށް - ފޮޓޯ: ސްޓެލްކޯ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމަވާފައިވާ ސިޔާސަތާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން މީގެކުރިން ޔުޓިލިޓީގެ ޚިދުމަތް ފޯރުކޮށްދެމުން އައި ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ބެލުމުގެ ދަށަށް ރަސްމީކޮށް ބަދަލުކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމާލައިފިއެވެ.
މި ތާރީޚީ ބަދަލާއެކު، ސްޓެލްކޯއިން އެންމެ ފަހު ރަށެއްގެ ގޮތުގައި ޚިދުމަތާ ހަވާލުވެ، އެ ކުންފުނީގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައެވެ. މިކަމަށްޓަކައި މިއަދު ފޮނަދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި އެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝަރުނީޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރަށްރަށުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމަކީ ރައްޔިތުން އެ ޚިދުމަތްތަކާމެދު ކުރާ އުންމީދުތައް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި، ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ނިންމެވި ވަރަށް ބޭނުންތެރި އަދި މުހިންމު ނިންމެވުމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ކުންފުނީގެ މެނޭޖްމަންޓާއި ހީވާގި މުވައްޒަފުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމްޑީ ދެއްވިއެވެ.
ކުރިން މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅަށް އެކަނި ޚިދުމަތް ދެމުންދިޔަ ސްޓެލްކޯގެ ދަށަށް، ފެނަކަ އުވާލަން ނިންމުމުގެ ކުރިންވެސް ބ. އަތޮޅާއި، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތައް ވަނީ ބަދަލުކޮށްފައެވެ. އަދި މިއަދު ނިމިގެންދިޔަ މަރުޙަލާއާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް މުޅިން އަލަށް ސްޓެލްކޯގެ އިމުގެ ތެރެއަށް ވަނީ ގެނެވިފައެވެ.
މި ބޮޑު ބަދަލާ ގުޅިގެން، ރަށްރަށުގެ ހިންގުން ހަރުދަނާ އުސޫލުތަކަކަށް ފައްތައި، ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އިދާރީ އޮނިގަނޑަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން އަތޮޅުތަކުގެ އިންޖީނުގެތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓޭނެ ޚާއްޞަ އޮނިގަނޑެއް އެކުލަވާލައި، މިހާރު ވަނީ އަމަލީ ގޮތުން ތަންފީޒުކުރަން ފަށާފައެވެ.
ފެނަކައިން ދެމުން އައި މި ޚިދުމަތްތައް އޮމާންކަމާއެކު ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި، އެ ކުންފުނީގެ ފަންނީ އަދި އިދާރީ ޖުމްލަ ހަތަރު ޓީމެއް އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެފައިވާކަން ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.