ޚަބަރު
ރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި އައު ސަފީރު ފަތްކޮޅު އަރުވައިފި
ސަފީރުކަމުގެ ފަތްކޮޅުއެރުވުން--
ދިވެހިރާއްޖެއިން ވިއެޓްނާމްއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، އަލްފާޟިލާ މަރްޔަމް މިދްފާ ނަޢީމް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ހިޒް އެކްސެލެންސީ ޓޯ ލާމް، އަށް މިއަދު އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަނޯއީގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ވިއެޓްނާމްގެ ރައީސް ޓޯ ލާމް ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވެ އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ސަފީރު މަރްޔަމް މިދްފާ ނަޢީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން، ވިއެޓްނާމްގެ ރައީސް އާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވިއެވެ.