ޚަބަރު
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީ އަންނަ އަހަރު ކުރީކޮޅު ނިމޭނެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް---
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް އިމާރާތްކުރަމުންދާ 14 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ފާއިޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފާއިޒު ވިދާޅުވީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް 2027 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމައި، ޚިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިއާއެކު އެ ހޮސްޕިޓަލުގައި ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ ޖާގަ އިތުރުވެ، ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 29 ގައެވެ. މި މަސައްކަތް ނިމުމުން، މިހާރު 76 އެނދުގެ ޖާގަ ހުރި އެ ހޮސްޕިޓަލުގެ އެނދުގެ އަދަދު އިތުރުވެ، އެ ސަރަހައްދުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މީގެއިތުރުން ފާއިޒު ވިދާޅުވީ، ހޮސްޕިޓަލުގައި ކެތުލެބުގެ ޚިދުމަތް ތައާރަފުކުރުމަށް ވެސް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އަލަށް އިމާރާތްކުރެވޭ ބައިގެ ސަބަބުން އެޑްމިޓްކޮށްގެން ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިމާރާތުގެ މަސައްކަތަކީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ) ގެ މާލީ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ކުއްލި ހާލަތްތަކުގައި ބޭނުންވެއްޖެ ހިނދެއްގައި ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރެވޭނެ އިންތިޒާމުތަކުގެ އިތުރުން، 800 މީހުންގެ ޖާގައިގެ ޒަމާނީ އޮޑިޓޯރިއަމެއް ވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހދ. އަތޮޅުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މަހަކު 12،000 އަށްވުރެ ގިނަ ބަލިމީހުން ޑޮކްޓަރަށް ދައްކަމުންދާ މައި ހޮސްޕިޓަލެކެވެ. ސަރުކާރުން މި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ވަނީ އެ ހޮސްޕިޓަލުގެ ޑައެލިސިސް ޔުނިޓު 14 އެނދަށް ބޮޑުކޮށް، ފުޅާ ދާއިރާއެއްގައި ޚިދުމަތް ދޭން ފަށާފައެވެ.