ޚަބަރު
ސިއްހީ ދާއިރާގެ އެކްސްޕޯގެ މަޤުސަދު ހާސިލްވެއްޖެކަމަށް ވަޒީރު ވިދާޅުވެއްޖެ
"މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ވަޒީރު ޤީލާ / ފޮޓޯ: ސިއްހަތާ ބެހޭ ވުޒާރާ
ކާމިޔާބުކަމާއެކު ކުރިއަށްދިޔަ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގެ މައިގަނޑު މަޤުސަދު ވަރަށް ފުރިހަމައަށް ހާސިލުކުރެވިއްޖެ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މި އެކްސްޕޯގެ ތެރެއިން ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ފާއިތުވި އަހަރުތަކާ އަޅައިބަލާއިރު މި އަހަރުގެ އެކްސްޕޯއަށް ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ބައިވެރިވުމަށްޓަކައި ސިއްހީ ދާއިރާގެ ގިނަ ފަރާތްތަކަކުން އެދިފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިއީ ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް އެ ފަރާތްތަކުގެ ޚިދުމަތްތައް އިޝްތިހާރުކޮށް، އާންމުންނާ ހަމައަށް ގެނެސްދިނުމަށް ލިބުނު ވަރަށް އަގުހުރި ޕްރޮމޯޝަނެއް ކަމަށެވެ.
މީގެއިތުރުން، ވޭތުވެދިޔަ އަހަރަށްވުރެ މި އަހަރު ފެނިގެންދިޔަ ސްޓޯލްތަކުގެ ތައްޔާރީތަކާއި އިންތިޒާމުތައް މާ ފުރިހަމަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސިއްހީ ދާއިރާގެ ތަފާތު މުހިންމު ކަންކަމާ ގުޅޭ މައުލޫމާތު ވަރަށް ތަފުސީލުކޮށް އާންމުންނަށް ފޯރުކޮށްދެވުނު ކަމަށާއި، ކުއްލި ހާލަތްތަކުގައި ގުޅާނެ ހެލްޕްލައިންތަކާއި، ސިއްހީ އެކި ޚިދުމަތްތައް ހޯދުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތަކާއި ޕްރޮސެސްތައް އޮޅުންފިލުވައިދިނުމުގައި ސްޓޯލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
On the final day of the Maldives Health and Family Expo 2026, Minister @GeelaAli, visited additional exhibition stalls, engaging with exhibitors and visitors and learning more about the services, initiatives and activities showcased by participating organisations. https://t.co/bimhHic3Lq
— Ministry of Health, Family and Welfare (@MoHmv) November 7, 2026
ސިއްހީ ދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިތުރުން ސިއްހީ ފެސިލިޓީތަކުން ދެމުންދާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ބަލައިލުމުގެ ފުރުސަތު ފަހިވެގެންދިޔަ މި އެކްސްޕޯއަށް ވަރަށް ގިނަ އަދަދެއްގެ އާންމުން ވަނީ ޒިޔާރަތްކޮށްފައެވެ.
ފާއިތުވެދިޔަ ދެ އަހަރުވެސް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނު މި އެކްސްޕޯގައި މިއަހަރު މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި ކްލިނިކުތަކާއި، ކަމާގުޅުންހުރި ޖަމިއްޔާތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ވެސް ހިމެނޭހެން ޖުމްލަ 60 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ.