Ads by Farudhun

ޚަބަރު

ޚާރިޖީ ވަޒީރު އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު  އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ކޮމަންވެލްތު މިނިސްޓަރސް މީޓިންގ އޮން ސްމޯލް ސްޓޭޓްސްގެ ކޯ-ޗެއަރކަން މިނިސްޓަރ އިރުތިޝާމް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ނޮވެމްބަރު 2026، 08:54

08 ނޮވެމްބަރު 2026، 08:54

މި އަހަރުގެ ނޮވެމްބަރ މަހުގެ 1 އިން 4 އަށް ބޭއްވި ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް އެންޓީގާ އެންޑް ބާބިއުޑާގެ ވެރިރަށް ސެއިންޓް ޖޯންސްގައި ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. 

މި ބައްދަލުވުމުގައި ބައިވެރިވެވަޑަގެންނެވި ދިވެހިރާއްޖޭގެ ވަފްދުގެ އެންމު އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ވަފްދުން ވަނީ ކޮމަންވެލްތަކީ ވިލުންތެރި، ހަމަހަމަ އަދި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ޖަމުޢިއްޔާއަކަށް ހެދުމަށް ވަކާލާތުކުރައްވާފައެވެ. އަދި ވަރުގަދަ ޕާޓްނަރޝިޕަކާއި، މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމާއި، މި ޖަމުޢިއްޔާގެ މުސްތަޤްބަލު ބައްޓަންކުރުމުގައި ހުރިހާ މެންބަރު ޤައުމުތަކަށް މާނަވީ ފުރުޞަތުތަކެއް ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް ރާއްޖެއިން އަލިއަޅުވާލިއެވެ. 

މީގެއިތުރުން، ކުދި ޤައުމުތަކުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި، އެންމެންގެ ހިއްސާ އޮންނަ މުސްތަޤްބަލެއް ޔަގީންކުރުމަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ތަކުރާރުކޮށް ކަށަވަރުކޮށްދިނެވެ.

ވަޒީރު އިރުތިޝާމް ވަނީ ކޮމަންވެލްތުގެ މިނިސްޓީރިއަލް މީޓިންގ އޮން ސްމޯލް ސްޓޭސް ކޯ-ޗެއަރ ކުރައްވައި، އެ ބައްދަލުވުމުގެ ރިޕޯޓު، އެގްޒެކެޓިވް ސެޝަނަށް ހުށަހަޅުއްވާފައެވެ. އެކަމަނާ ވަނީ ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ކުރިން ބޭއްވުނު ކޮމަންވެލްތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައާއި، ޗޯގަމްގެ އެގްޒެކެޓިވް ސެޝަނުން ފެށިގެން ޤައުމުތަކުގެ ވެރިންގެ ރީޓްރީޓާ ހަމައަށް ބޭއްވުނު ބައްދަލުވުންތަކުގައި ވެސް ވާހަކަފުޅުދައްކަވާފައެވެ.

މީގެއިތުރުން، "ފްރޮމް ދަ ފްރަންޓް ލައިންސް ޓު ކޮޕް31: ކޮމަންވެލްތު ލީޑަރޝިޕް ފޯ ކްލައިމެޓް އެކްޝަން" ގެ ނަމުގައި ބޭއްވި ގްލޯބަލް ސިޓިޒަން ހައި-ލެވެލް ޕެނަލްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕެނަލްގައި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި، އެ ބަދަލުތަކަށް ހޭނުމަށް ކޮޕް31 އިން ނަތީޖާ ނެރެދޭނެކަމަށް ރާއްޖެއިން ކުރާ އުންމީދުތައް އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.

2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގައި ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ވަޒީރު އިރުތިޝާމް ގޮވާލެއްވިއެވެ. އަދި ވިލުންތެރިކަން ބިނާކުރަނިވި ޕާޓްނަރޝިޕްތަކުގެ މުހިންމުކަމާއި، ނަތީޖާއަށް އަމާޒުކޮށްގެން ވަކާލާތުކުރުމާއި، ޤައުމީ ފެންވަރުގައި ޤާބިލުކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދޭނެ އެއްބާރުލުމާއި ޕާޓްނަރޝިޕްތައް މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާ، ދޭދޭ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވިއެވެ.

"އެކްސަލަރޭޓިންގެ ޕާޓްނަރޝިޕް އެންޑް އިންވެސްޓްމަންޓް ފޮރ އަ ޕްރޮސްޕެރަސް ކޮމަންވެލްތް"، މި ޝިޢާރުގެ ދަށުން ބޭއްވުނު ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަން ވަރުގަދަކުރުމާއި، އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމާއި، އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450