ޚަބަރު
މަޝްރޫއުތަކާ ގުޅުވައި ގައުމުތަކާމެދު ދޮގު ވާހަކަ ދެއްކުމުން ލިބޭނީ ޖީލުތަކަށް ދެމިގެންދާ ގެއްލުމެއް: ޚާރިޖީ ވަޒީރު
"އަހާ" ފޯރަމްގެ ތެރެއިން - ފޮޓޯ: އެމްއެމްޓީވީ
ދިވެހިރާއްޖޭގައި ބޭރުގެ އެކި ގައުމުތަކުން ކުރިއަށްގެންދާ އިންވެސްޓުމެންޓުތަކާއި ހިންގާ މަޝްރޫއުތަކާ ގުޅުވައިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފެތުރުމަކީ އޭގެ ނޭދެވޭ އަސަރު ކުރިމަގުގެ ޖީލުތަކަށް ވެސް ދެމިގެންދާނެ ބޮޑު ގެއްލުމެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވި "އަހާ ފޯރަމް" ގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ޚާރިޖިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އަލަށް ގައުމުތަކާއިއެކު ސިޔާސީ ގުޅުން ގާއިމުކުރުމުގެ އިތުރުން، މިހާރު ވެސް ގުޅުން އޮތް ގައުމުތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފައިދާހުރި ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށެވެ. އެގޮތުން، ދިވެހިންނަށް ކުރިއާލައި ވިސާ ނެގުމަކާ ނުލައި އެކި ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތައް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓުމެންޓުތައް ފުޅާކުރުމާއި، ގައުމުގެ ތަރައްގީއަށް ބޭނުންވާ ލުއި ލޯނުތަކާއި ހިލޭ އެހީގެ މަޝްރޫއުތައް ހޯދުމަށް ގައުމުތަކާއެކު މެދުކެނޑުމެއް ނެތި މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އޭގެ ހިތި ނަތީޖާ ސީދާ ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން ދިވެހިންނަށް ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އެކަމަނާ ދެއްވިއެވެ. އެހެންކަމުން، ބޭރު ގައުމުތަކުގައި އުޅޭއިރު ރާއްޖޭގެ ރީތި ނަމާއި ގަދަރު ހިފެހެއްޓުމަށާއި، އެ ގައުމުތަކުގެ ގާނޫނުތަކާއި އާދަކާދަތަކަށް އިހުތިރާމުކޮށްގެން، ލިބިފައިވާ ފަސޭހަތައް ނުގެއްލޭނެހެން އަމަލުތައް ބެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
"އެހެންވީމާ އަޅުގަނޑުމެންވެސް ތިބޭފުޅުންނަށް އިލްތިމާސްކުރަން ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުކުރައްވައި އުޅުއްވާއިރު، ދިވެހިރާއްޖޭގެ ރީތިނަމާއި އައިޑެންޓިޓީ ހިފަހައްޓަވައި އެހެން ގައުމުތަކުގެ އިހުތިރާމާއި އެ ގައުމުތަކުގެ ގާނޫނަށްވެސް އިހުތިރާމުކުރައްވައިގެން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ފައިދާތައް ނުގެއްލޭނެ ގޮތަކަށް އަމަލުކުރެއްވުމަށް،"
ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ ރަސްމާލޭގެ ބިޔަ މަޝްރޫއަށް އިޝާރާތް ކުރައްވަމުން އިރުތިޝާމް ވިދާޅުވީ، އެއީ ރައްޔިތުންނަށް އިންތިހާއަށް ގިނަ ފައިދާތަކެއް ލިބެން އޮތް މަޝްރޫއެއް ކަމަށެވެ. އަދި ބޭރުގެ ގައުމަކާ ގުޅިގެން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކާ މެދު ސިޔާސީ ބޭނުމަށް ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުމަކީ، އެ ގައުމަކާއެކު އޮންނަ ގާތް ގުޅުމަށް ނޭދެވޭ އަސަރުކޮށް، މަޝްރޫއުތަކަށް ހުރަސްއެޅިދާނެ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. މާޒީގެ މިސާލެއް ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރެއްގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ސައުދީ އަރަބިއްޔާއާ ގުޅުވައިގެން ފާޑުކިޔައި ވާހަކަތައް ފެތުރުމުގެ ސަބަބުން، ކުރިއަށް ގެންދަން އުޅުނު މުހިންމު ޕްރޮޖެކްޓެއް ހުއްޓި، އެ ގައުމާއެކު އޮތް ގުޅުމަށް ވެސް ބޮޑެތި ލޮޅުންތަކެއް އެރި ކަމަށެވެ.
ޚާރިޖީ ދާއިރާގެ ނަޒަރިއްޔާތުން ބަލާއިރު ގައުމުތަކާ މެދު އޮންނަ ގުޅުން ހިމާޔަތްކުރުމަކީ ނުހަނު އިސްކަންދޭންޖެހޭ ކަމެއްކަން ހަނދާންކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން ގައުމުތަކާ ދެމެދު އޮންނަ އިތުބާރު ގެއްލިއްޖެނަމަ، އެކަމުގެ ގެއްލުން މިއަދުގެ އިތުރުން އަންނަން އޮތް މުސްތަގުބަލުގެ ޖީލުތަކަށް ވެސް ތަހައްމަލު ކުރަން ޖެހޭނެ ކަމަށެވެ.