ޚަބަރު
އިޓްލޮސް މައްސަލަ ތަހުގީގުކުރާ ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދަވާފައިވާ ހާއްސަ ރިޔާސީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދަވާފައިވާ މި ކޮމިޝަނުގެ ރަސްމީ ނަމަކީ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ކޮމިޝަނަކީ ރައީސް ޑރ. މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާނުކުރައްވާފައިވާ މުހިންމު ވައުދެކެވެ. މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ސަރުކާރުން އެކުލަވައިލި ބައިނަލްއަގުވާމީ ހަބީރުންގެ ޓީމުން ދެއްވި ލަފާގައި، ރާއްޖެއަށް ލިބެން އޮތް ކަނޑުގެ ސަރަހައްދެއް ގެއްލުނީ އެ މައްސަލާގައި ރާއްޖެއިން އަމަލުކުރި ގޮތުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުއަޑީގެ ގުދުރަތީ މުއްސަނދިކަމަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައިވާތީ، މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަން އުފެއްދެވި މައިގަނޑު ސަބަބެވެ.
ކޮމިޝަނަށް ގެންނެވި ބަދަލުތަކާއެކު މިހާރު މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ޖުމްލަ 7 މެންބަރުންނެވެ. އެ ބޭފުޅުންނަކީ:
ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު (ކޮމިޝަނުގެ ރައީސް)
އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު
ޑރ. އާމިނަތު ޝާފިޔާ އާދަމް
ކެޕްޓަން އަހްމަދު ޒުބައިރު
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) މުޙައްމަދު ޞާދިޤް
އަލްފާޟިލް އަޙްމަދު ޢަލީމަނިކު
އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު
މި ކޮމިޝަނާ މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިޓްލޮސްއަށް މައްސަލަ ހުށަހެޅުމާ ހަމައިން ފެށިގެން މައްސަލައިގެ ޝަރީއަތް ނިމުމާ ހަމައަށް، ދައުލަތުގެ ފަރާތުން ޖަވާބުދާރީވި ގޮތާއި، އެކަމުގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކުގެ އިތުރުން ސީދާ އަދި ނުސީދާކޮށް ބާރާއި އިހުތިޔާރު ލިބިގެން ތިބި ފަރާތްތަކުން އަމަލުކުރި ގޮތް ތަހުގީގުކުރުން ހިމެނެއެވެ.
މީގެއިތުރުން، އެ މައްސަލައިގައި އެއްވެސް ފަރާތެއްގެ ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލުވި މިންވަރު ކަނޑައެޅުމާއި، މައްސަލައާ ގުޅޭ ރަސްމީ ލިޔެކިޔުންތައް ރައްކާކޮށް ބަލަހައްޓާފައިވާ ގޮތް ތަހުގީގުކުރުން ވެސް ހިމެނެއެވެ. އަދި ތަހުގީގަށްފަހު އިހުމާލުވި ފަރާތްތަކާމެދު އަޅަން ފެންނަ ގާނޫނީ ފިޔަވަޅުތައް ބަޔާންކޮށް، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި، ރިޔާސީ ގަރާރުން ކޮމިޝަނާ ހަވާލުކުރައްވާފައިވާ ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ނިމިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން މި ކޮމިޝަން ދެމިއޮންނާނެއެވެ.