ޚަބަރު
ގިރާވަރުފަޅުން 100 ހެކްޓަރު ހިއްކައިފި؛ ތިލަފުއްޓާއި ޔޫޓީއެފް ބުރިޖުން ގުޅައިލުމުގެ ޑިޒައިން މަސައްކަތް ފަށަނީ
ހައުސިންގް މިނިސްޓަރު މުއްތަލިބު - ފޮޓޯ: އެމްއެމްޓވީ
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގިރާވަރުފަޅުން ހިއްކަމުންދާ ބިމުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމިފައިވާ ކަމަށާއި، ތިލަފުއްޓާއި އުތުރުތިލަފަޅު (ޔޫޓީއެފް) ބުރިޖުން ގުޅައިލުމަށް ބޭނުންވާ ޑިޒައިންގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދޫކުރިއިރު ގިނަ ތަންތަނުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އޮތީ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި ކަމަށެވެ. ނަމަވެސް، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ލިބިފައިވާ ގޯތިތައް ކަށަވަރުކޮށްދީ، ބިންތައް އަވަހަށް ހިއްކައި ނިންމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ މާލީ އިންތިޒާމުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރިން އެ މަސައްކަތް ހަވާލުކޮށްފައި އޮތީ ބަދަލުގެ ގޮތުގައި ހުޅުމާލެ އާއި ތިލަފުށިން އަގުހުރި ބިންތަކެއް ކޮންޓްރެކްޓަރަށް ދޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް، އެ ބިންތަކަކީ ދައުލަތަށް މުހިންމު ބިންތަކަކަށް ވާތީ، މި ސަރުކާރުން ނިންމީ ބިން ދިނުމުގެ ބަދަލުގައި އެމްއޭސީއެލް މެދުވެރިކޮށް ފައިސާ ދައްކައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ. މިގޮތުން، ގުޅިފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމި، ގޯތިތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.
ގިރާވަރުފަޅުގެ މަސައްކަތް މެދުކެނޑުނު ސަބަބު ބަޔާންކުރައްވަމުން ޑރ. މުއްޠަލިބު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން މަސައްކަތް މަޑުޖެހުނު ނަމަވެސް، މިހާރު އަލުން އަމަލީ މަސައްކަތް ފެށިގެން ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ބާކީ އޮތް ބައި ހިއްކައި ނިމުމުން، ސާވޭގެ މަސައްކަތްތައް ނިންމައި ވީ އެންމެ އަވަހަކަށް ގޯތިތައް ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން، މިހާރު ހިއްކާފައިވާ ސަރަހައްދުތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވަށާފާރު ރޭނުން ފަދަ މަސައްކަތްތައް ކުރުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"ގިރާވަރުފަޅުގެ މަސައްކަތް، 100 ހެކްޓަރަށްވުރެ ބޮޑު ސަރަަހައްދެއް ހިއްކިފައި މަސައްކަތް މަޑުޖެހިފައި އޮތީ މެދުއިރުމަތީގައި ދިމާވި ހާލަތާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލާއެއްކޮށް މަސައްކަތް ހުއްޓިގެންދިޔައީ. ނަމަވެސް މިހާރު މަސައްކަތް ފަށައިގެން ކުރިއަށްދޭ. އަޅުގަނޑުމެންގެ އުންމީދަކީ މާ ލަސްތަކެއްނުވެ ބާކީ އޮތްބައި ހިއްކައި ނިންމައި، ހިއްކައި ނިމިމުން ސާވޭ މަސައްކަތް ނިންމައި ގޯތިތައް ހަވާލުކުރުން،"
ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދު ބުރިޖަކުން ގުޅައިލުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ ތިލަމާލެ ބުރިޖުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް މުޅިން ނިންމައިލުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި ތިލަފުށިން ފެށިގެން ގިރާވަރުފަޅު މަގުން އުތުރުތިލަފަޅާ ހަމައަށް އަޅާ ބުރިޖުގެ ފީޒިބިލިޓީ ސްޓަޑީޒް މިހާރު ނިމިފައިވާ ކަމަށާއި، ބޭރުގެ ލޯނު އެހީ ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، އިގުތިސާދީ ހާލަތު ތަންދިންހާ އަވަހަކަށް މަސައްކަތް ފެށުމަށްޓަކައި ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޑރ. މުޢިއްޒުގެ މި ދައުރުގެ ތެރޭގައި އެ ބުރިޖުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކޮށް ފެށުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.
ހަމައެއާއެކު، ހިއްކާ ބިންތަކުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމަކީ ބިން ހިއްކުމަށްވުރެ ބޮޑު ހޭދައެއް ހިނގާ ކަމެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ގުޅިފަޅުގައި އެކަނިވެސް ފެނާއި ނަރުދަމާ އަދި މަގު ހެދުމަށް 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، ބަޖެޓުގެ ތާށިކަމުގެ ސަބަބުން ރައްޔިތުން އިންތިޒާރުގައި ތިބެންޖެހޭ މުއްދަތު ކުރުކުރުމަށްޓަކައި، އެމްޓީސީސީ އަދި ޕަބްލިކް ވޯކްސް ގުޅިގެން އަސާސީ މަސައްކަތްތައް އަވަހަށް ފެށޭނެ ގޮތްތަކެއް ރާވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ މައިގަނޑު މަގުސޫދަކީ ވީހާވެސް އަވަހަކަށް އެ ތަންތަނަކީ އާންމުންނަށް ދިރިއުޅެވޭނެ ފަދަ ފުރިހަމަ ވެއްޓަކަށް ހެދުމެވެ.