ޚަބަރު
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ އެހީ ހޯދަން ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރި: ޚާރިޖީ ވަޒީރު
ހާރިޖީ ވަޒީރު "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ
މެދުއިރުމަތީގެ ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ބޭރުގެ މާލީ އެހީތެރިކަން ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގެ ތެރެއިން، މި މަހުގެ 1 އިން 4 އަށް އެންޓީގާ އެންޑް ބާބިއުޑާގައި ކުރިއަށްދިޔަ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުން ރާއްޖެއަށް ޙާޞިލުވި ކަންކަމާ ގުޅޭގޮތުން ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. އަދި އޭގެ ނޭދެވޭ އަސަރު ކުދި ޤައުމުތަކަށް އިންތިހާއަށް ކުރަމުންދާ އިރު، ޚަރަދުތައް އެތައް ގުނައަކަށް އުފުލިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ހުރުމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ރާއްޖެއާ ގާތްގުޅުމެއް އޮންނަ ޢަރަބި ޤައުމުތަކަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، އެ ޤައުމުތަކުން ރާއްޖެއަށް ލިބެންޖެހޭ އެހީތެރިކަން ހޯދުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށާއި ފަތުރުވެރިކަމަށް ކުރިމަތިވި ހުރަސްތަކުން އަރައިގަތުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"މެދުއިރުމަތީގެ ހަމަނުޖެހުންތަކުން އަދިވެސް އަރައިނުގަނެވިގެން މިއުޅެނީ. ހާއްސަކޮށް މި ހަނގުރާމައިގެ ސަބަބުން ކުދި ގައުމުތަކުގެ ހަރަދުތައް އިންތިހާއަށް އުފުލި، އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް ވަނީ ކުރިމަތިވެފައި. ރާއްޖެ މިހާރު މަސައްކަތްކުރަމުން ދަނީ ފަތުރުވެރިކަމާއި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކުން އަރައިގަތުމަށް. އެހެންނަމަވެސް، ހުރުމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ރާއްޖެއާ ގާތްގުޅުމެއް އޮންނަ ބައެއް އަރަބި ގައުމުތަކަށް ދަތިތަކާ ކުރިމަތިވެ، އެ ގައުމުތަކުން ރާއްޖެއަށް ލިބެންޖެހޭ އެހީތެރިކަން ހޯދުމަށް ވަނީ ހުރަސްއެޅިފައި،"
ވަޒީރު ވިދާޅުވިއެވެ.
ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން، އދ. ގެ ސަމިޓުތަކުގަޔާއި ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ކުދި ޤައުމުތަކަށް ބޭނުންވާ މާލީ އެހީ ހޯދައިދިނުމަށް ރާއްޖެއިން އިސްނަގައިގެން ވަކާލާތުކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މިގޮތުން، ކުރިއަށް އޮތް ބައިނަލްއަޤްވާމީ މޫސުމީ ސަމިޓު "ކޮޕް" ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ތަރައްޤީވެފައިވާ ޤައުމުތަކުން ކުދި ޤައުމުތަކަށް ދޭ މާލީ އެހީ ދަށްވަމުންދާ މައްސަލައިގައި މި ސަމިޓުގައިވެސް ރާއްޖެއިން ވަރުގަދައަށް އަޑުއުފުލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ޚަލާޞްކުރުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރުން މިފަދަ ބައްދަލުވުންތަކުގެ ބޭނުން ހިފަމުންދާ ކަމަށެވެ. އަދި ރާއްޖެ އަލުން ދަރަނީގެ ނުރައްކާތެރި ދަންތުރައަކަށް ނުވެއްޓޭނެ ފަދަ ހަރުދަނާ ސިޔާސަތެއްގެ ދަށުން، އައިއެމްއެފް (IMF) އަދި ވޯލްޑް ބޭންކުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ލުއިގޮތްތަކެއް ހޯދުމުގެ މަޝްވަރާތައް ބާރަށް ކުރިއަށްދާކަން ހާމަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތަކީ ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތު އިސްކުރާ ސިޔާސަތެއް ކަމަށެވެ. އަދި އިސްރާއީލު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކާއެކު ވެސް ދިވެހިރާއްޖެއިން ބަދަހި، ގާތް ގުޅުމެއް ދަމަހައްޓަމުން ގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު އެރުވިއެވެ.