ޚަބަރު
ޖިއްދާގައި ހުންނަވާ ދިވެހި ކޮންސުލް ޖެނެރަލް، ޑރ. ޝަހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޖިއްދާގައި ހުންނަވާ ދިވެހި ކޮންސުލް ޖެނެރަލް، ޑރ. ޝަހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން--
ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް އަލްފާޟިލާ ބަދޫރާ ސަޢީދު، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝުޖާޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ އަލްފާޟިލާ ބަދޫރާ ސަޢީދަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އެކަމަނާ ޢައްޔަންކުރެއްވުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ޚާރިޖީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ވަނީ، ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރުމަށްދާ ދިވެހި ޙައްޖާޖީންނަށް ކޮންސިއުލަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވުޒާރާއާއި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާ ދެމެދު އޮންނަ ކޯޑިނޭޝަން ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ސަޢޫދީގައި ތިބޭ މުއްދަތުގައި އެހީތެރިކަން ބޭނުންވާ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮންސިއުލޭޓުގެ އެއްބާރުލުން މެދުކެނޑުމެއްނެތި ދެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.
މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު ތަޢުލީމީ އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ދިވެހި އިމާމުންނާއި ދަރިވަރުންގެ ޢިލްމީ މަޢުލޫމާތާއި، ޢަރަބި ބަހުގެ ޤާބިލުކަމާއި، އިސްލާމީ ތަޢުލީމީ ދާއިރާގެ ފަންނީ ކުޅަދާނަކަން އިތުރުކުރުމަށް، ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ކުރު މުއްދަތުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު މަޝްވަރާކުރުމުގައި ކޮންސިއުލޭޓުގެ އެހީތެރިކަމަށް ވަޒީރު ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ.