ޚަބަރު
ފަރަށް އެރި ބޯޓެއްގެ ފަޅުވެރިންނަށް ކޯސްޓްގާޑުގެ އެހީތެރިކަން ފޯރުކޮށްދީފި
ފަރަށް އެރި ބޯޓު. ފޮޓޯ: އެމްއެންޑީއެފް
މާލެއިން ފުރައިގެން ގދ.ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 00:40 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.
އެގޮތުން، މި ބޯޓުން ދަތުރުކުރަމުންދިޔަ ހަތަރު ދިވެހީންނާއި، ހަ ބިދޭސީންގެ ތެރެއިން ހަތް މީހަކު ވަނީ 01:53 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައެވެ. އަދި، ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައިތިބި ތިން މީހުން ވެސް 02:10 ހާއިރު ވަނީ ހާބަރކްރާފްޓަށް ނަގާފައެވެ.
'ދެރަހަ' ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިފަރާތުން ގެނައި "ސްވިފްޓް" ދޯނި 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.
އެ ބޯޓުގެ ވެރިފަރާތާއި ގުޅިގެން، ކޯސްޓްގާޑުން ދަނީ ބޯޓު ފުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.