ޚަބަރު
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ އެއްވަނަ ލޯގޯ ހޮވުމަށް އާންމުންގެ ވޯޓަށް ހުޅުވާލައިފި
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުން. ފޮޓޯ: ވުޒާރާ
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ބޭނުންކުރާނެ ރަސްމީ ލޯގޯ ކަނޑައެޅުމަށްޓަކައި، ގަދަ 5 ލޯގޯގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި 5 ލޯގޯގެ ތެރެއިން ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވާ ބުދަ ދުވަހުގެ ހަވީރު 18:00 އެވެ.
މި މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ގައެވެ. އޮކްޓޫބަރު 24 ގެ ނިޔަލަށް ހުޅުވާލި އެ މުއްދަތުގައި ޖުމްލަ 22 ލޯގޯއެއް ހުށަހެޅިއެވެ. އެއަށްފަހު ފަނޑިޔާރުންގެ އިވެލުއޭޝަނުން 10 ލޯގޯއެއް ޝޯޓްލިސްޓްކޮށް، ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް އޮކްޓޫބަރު 16 އިން ފެށިގެން އެ މަހުގެ 29 ގެ ނިޔަލަށް ވަނީ އާންމުންގެ ވޯޓަށް ހުޅުވާލާފައެވެ. މިހާރު ވޯޓަށް ހުޅުވާލާފައިވާ ގަދަ 5 ލޯގޯއަކީ ފަނޑިޔާރުންގެ މާކްސްއާއި އާންމުންގެ ވޯޓުން އެންމެ ކުރި ހޯދި ލޯގޯތަކެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކުރުމަށް މި މަހުގެ 14 ވަނަ ދުވަހު ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައެވެ. އެއްވަނަ ހޯދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ދިނުމަށް ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.
ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން ދިރުވައި އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއް ފެއްޓެވުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަޝްރޫޢުގައި އިސްކޮށް މަސައްކަތްކުރަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ދާއިރާގެ ތަޖުރިބާކާރުން ހިމެނޭހެން 9 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މި ކެމްޕޭންގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ މީޑިއާތަކަށްވެސް ވަނީ ހުޅުވާލާފައެވެ.