Ads by Farudhun

ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ޓުއަރިސްޓުން - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 ނޮވެމްބަރު 2026، 01:26

08 ނޮވެމްބަރު 2026، 01:26

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 1.8 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1.81 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކޮންމެވެސް ވަރެއްގެ ދަށްވުމެކެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1.87 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއީ ގާތްގަނޑަކަށް 3.1 އިންސައްތައިގެ ދަށްވުމެކެވެ. މި އަދަދުތައް ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ.

މި މަހުގެ ފުރަތަމަ ހަތަރު ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ފަތުރުވެރިން އައި މިންވަރު މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި 26،561 ފަތުރުވެރިން އައި ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 22،581 ފަތުރުވެރިންނެވެ. އެހެންނަމަވެސް، ސަރުކާރުން މިހާރު އަންދާޒާކުރާ ގޮތުގައި އަހަރު ނިމޭއިރު، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއެކު މިދިޔަ އަހަރަށް ވުރެ އިތުރަށް މިއަހަރު ފަތުރުވެރިން ރާއްޖެ ގެނެވޭނެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން 333،864 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 269،695 ފަތުރުވެރިން ވަނީ އައިސްފައެވެ. ލިސްޓުގެ ތިންވަނައިގައި އިނގިރޭސިވިލާތް (138،039 ފަތުރުވެރިން) އޮތްއިރު، ހަތަރުވަނައިގައި އޮތީ ޖަރުމަނުވިލާތް (122،152 ފަތުރުވެރިން) އެވެ. އަދި ފަސްވަނައިގައި އޮތް އިޓަލީވިލާތުން 106،941 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެ އައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓުތަކެވެ. އެގޮތުން 1.3 މިލިއަން ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި 386،969 ފަތުރުވެރިން އަދި ހޮޓެލްތަކުގައި 39،957 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު "ހައި ސީޒަން" އަށް ރާއްޖެ ތައްޔާރުވަމުން އަންނައިރު، މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 180 ރިސޯޓާއި، 920 ގެސްޓްހައުސް އަދި 17 ހޮޓަލުގެ އިތުރުން ސަފާރީގެ ގޮތުގައި ބޭނުންކުރާ 164 އުޅަނދެއް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450